ޚަބަރު

"އުދުހިލަން" ޤައުމީ ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ޚާއްސަ ހަވީރެއް


  • މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި

  • މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި

  • މިއީ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން ކުރިޔަށްގެންދާ ކެމްޕެއިނެއް

"އުދުހިލަން" ޤައުމީ ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

މި ހަވީރު ބާއްވާފައިވަނީ، މިއަދު ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރުގައެވެ.

އުދުހިލަން ޤައުމީ ކެމްޕެއިނަކީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ އުފާވެރި، ރައްކާތެރި މުޖުތަމަޢުއެއް ކުޑަކުދިންނަށް ހޯދައިދީ، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑު އުފުލާ ޖީލެއް ބިނާކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން މިއަހަރުގެ ސެޕްޓެމްބަރު މަހު އިފްތިތާޚު ކުރި ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ދަށުން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޑިރެކްޓަރ އެޑްވޮކަސީ އެންޑް އެވެއާނެސް ނަޝްއާ އާދިލް ވިދާޅުވީ، މި ހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި މި އިވެންޓްގަ އެބަ ހިމެނިގެންދޭ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން. މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރވެސް. އެބޭފުޅުންގެ ފަރާތުންވެސް ހަމަ މަޢުލޫމާތުގެ އިތުރަށް ގާލް ގައިޑްސްގެ ފަރާތުންވެސް ކުދިންނާ ގުޅޭ ހަރަކާތްތަކެއް ކުރިއަށް ގެންދެވިގެންދާނެ". ނަޝްއާ ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގނަ އަދަދެއްގެ ކުދަކުދިން ބައިވެރިވެފައިވާއިރު، ބައެއް ކުދިންވަނީ ހަރަކާތާއި ގުޅޭގޮތުން އެކުދިންގެ ޝުޢޫރުވެސް ފާޅުކޮށްފައެވެ.

އުދުހިލަން ޤައުމީ ކެމްޕެއިންގެ އަމާޒަކީ، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން މިފަދަ މައްސަލަތައް މަދުކޮށް ހުއްޓުވުމަށް ނިކުތުން ކަމަށާއި، އަދި ކުރިމަގުގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑު އުފުލާ ޖީލެއް ބިނާކުރުން ކަމަށް ކެމްޕެއިން ކުރިއަށްގެންދާ ފަރާތްތަކުން ވިދާޅުވެއެވެ.