ޚަބަރު

ކެމްބޯޑިޔާއިން ޙަމަލާ ދިން ކަމަށް ބުނެ ތައިލެންޑުން ރައްދު ޙަމަލާއެއް ދީފި


ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލައި ތައިލެންޑުން ކެމްބޯޑިޔާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.

ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ޖުލައި މަހުގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އެމެރިކާއިން އެ ކަމުގެ ތެރެއަށް ތަދައްޚުލުވުމާ ގުޅިގެންނެވެ. އެއަށްފަހު އޮކްޓޯބަރު މަހުގެ ތެރޭގައި ދެ ޤައުމުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުން ދެމެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެއަށް ޢަމަލުކުރަން ފަށައިފައެވެ. ނަމަވެސް ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ހިނގި ހާދިޘާއެއްގައި، ބިމުގައި ވަޅުލާފައި އޮތް މައިނެއް ގޮވައި، ތައިލެންޑުގެ ހަތަރު ސިފައިން ޒަޚަމުވުމާ ގުޅިގެން ތައިލެންޑުން ވަނީ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލާނެ ކަމަށް ބުނެފައެވެ. ދެ ޤައުމުން ވެސް ތުހުމަތުކުރަނީ އިދިކޮޅު ފަރާތުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ކަމަށެވެ.

ތައިލެންޑުން ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ވައިގެ ޙަމަލާތައް ދީފައިވާކަން އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޤައުމުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެމްބޯޑިޔާއިން ޙަމަލާއެއް ދީފައިވާ ކަމަށާއި އެ ޙަމަލާގައި ތައިލެންޑުގެ ސިފައިންގެ މީހަކު މަރުވެ ދެ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. ތައިލެންޑުގެ ޙަމަލާއަކީ އޭގެ ބަދަލުގައި ދިން ޙަމަލާއެއް ކަމަށް ވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. މި ޙަމަލާތަކާއެކު ޞުލްޙައިގެ އެއްބަސްވުމަށް ވަނީ އަނެއްކާ ވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.