ޚަބަރު

ބްރިޖް މީޑިއާ ސަމިޓްގައި ޕީއެސްއެމްގެ ޗެއަރޕަރސަން ބައިވެރިވެވަޑައިގެންފި


  • ސަމިޓު ކުރިއަށްދަނީ މި މަހުގެ 7 އިން 11 އަށް އަބޫދާބީގައި

  • މިއަހަރުގެ ސަމިޓު ޚާއްސަކޮށްފައިވަނީ ބައިނަލްއަގުވާމީ މީޑިއާއަށް އަންނަ ބަދަލުތަކަށް

އެކުވެރި ޢަރަބި އިމާރާތުގެ އަބުދާބީގައި ކުރިއަށްދާ ބްރިޖް މީޑިއާ ސަމިޓްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕަރސަން އައިމިނަތު ނަމްޒާ ބައިވެރިވެވަޑައިގެންފިއެވެ.

ބްރިޖް މީޑިއާ ސަމިޓަކީ ނޫސްވެރިންނާއި މީޑިއާތަކާއި ޓެކްނޮލޮޖީ ދާއިރާ އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން ކުރިއަށްގެންދާ އެންމެ ބޮޑު ސަމިޓެވެ. މި ސަމިޓުގައި އެ ދާއިރާތަކުން ގިނަ ބަޔަކު ކޮންމެ އަހަރަކު ބައިވެރިވެއެވެ.

މި މަހުގެ 7-11 އަށް އަބޫދާބީގެ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ ބްރިޖް މީޑިއާ ސަމިޓުގައި މިއަހަރު 60،000އަށްވުރެ ގިނަ ފަރާތްތެއް ބައިވެރިވެއެވެ. އަދި 430 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ސްޕީކަރުންނާއި އެގްޒަބިޓަރުންނާއި މީޑިއާތަކުން ބައިވެރިވެއެވެ.

މިއަހަރުގެ ސަމިޓު، ބައިނަލްއަގުވާމީ މީޑިއާއަށް އަންނަ ބަދަލުތަކަށް ވަނީ ޚާއްސަކޮށްފައެވެ. މި ސަމިޓުގައި ނޫސްވެރިކަމާއި އާޓިފިޝަލް އިންޓެލިޖެންސާއި ޑިޖިޓަލް ސްޓޯރީ ޓެލިން އާއި ފިލްމް ޕްރޮޑަކްޝަން އާއި ކްރިއޭޓަރ އިކޮނޮމީ އަދި ނިއުސްރޫމް އިނޮވޭޝަންފަދަ ދާއިރާތަކުން މައުލޫމާތު ބަދަލުކުރެވިގެންދާނެއެވެ.

މިއީ މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މި ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނުވެރިން އަދި މަސައްކަތްތެރިން އެއް ފުރާޅެއްގެ ދަށަށް ގެނެސް، މީޑިއާތަކުގެ ކުރިމަގާ ގުޅޭގޮތުން މުހިއްމު މަޝްވަރާތައް ކުރިއަށްގެންގޮސް، ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ސަމިޓެކެވެ. އަދި އެކި ޤައުމުތަކުގައި މި ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާއި، މިފަދަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މީޑިއާތަކުން ގުޅިގެން މަސަޢްކަތްކުރާނެ ފުރުސަތު ފަހިވެގެންދާ ސަމިޓެކެވެ.

މި ސަމިޓުގައި ޕީއެސްއެމްގެ ޗެއަރޕަރސަން ނަމްޒާ އެކި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ނިއުސްރޫމްތަކަށް ގެންނަންޖެހޭ އީޖާދީ ބަދަލުތަކާއި، އަންނަން އޮތް ޖީލުތަކުގެ މީޑިއާ ވަސީލަތްތަކާއި ކުރިމަގުގައި ނޫސްވެރިންނަށް ބޭނުންވާ މުހިންމު ހުނަރުތަކާ ގުޅޭގޮތުން ބާއްވާ މައުލޫމާތު ބަދަލުކުރުމުގެ މަޝްވަރާތަކުގައި ނަމްޒާ ބައިވެރިވެވަޑައިގަންނަވާނެއެވެ.