ޚަބަރު

ސްވިމިންގ ޕޫލާއެކު އައު ކުޅިވަރެއް ތައާރަފް ކުރަނީ


  • ސްވިމިނގް ޕޫލުގެ މަސައްކަތުގެ ބޮޑުބައި އަންނަ ޑިސެމްބަރަށް ނިމޭނެ

  • ޑައިވިން ކުޅިވަރާއެކު އިތުރު ކުރިއެރުންތައް އަންނާނެ

އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ، ސްވިމިންގ ޕޫލު ހުޅުވިގެންދާއިރު، ޑައިވިން ކުޅިވަރެއްގެ ގޮތުގައި ތައާރަފުވާނެ ކަމަށް މޯލްޑިވްސް އެކުއެޓިކްސްގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ސްވިމިންގް ޕޫލުގެ މަސައްކަތުގެ ބޮޑުބައި އަންނަ ޑިސެމްބަރު މަހަށް ނިންމޭތޯ މޯލްޑިވްސް އެކުއޭޓިކްސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ، ސްވިމިންގް ޕޫލުގެ މަސައްކަތުގައި ލަސްތަކެއް އަންނަނީ، ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ކަމަށެވެ. އެގޮތުން ގިނަ ސާމާނުތަކަކީ ޗައިނާއިން ރާއްޖެ ގެންނަ ތަކެތި ކަމަށާއި، އެ ތަކެތި ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އެކަމަކު އަންނަ ޑިސެމްބަރު މަހަށް ޕޫލުގެ މަސައްކަތުގެ ބޮޑު ބައެއް ނިމޭނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަމަ 24 ގަޑިއިރުގެ މަސައްކަތަކީ މީ ސްވިމިންގް ޕޫލު ނިންމަން ކުރާ މަސައްކަތް، މިހާރު މަސައްކަތުގެ ސްޕީޑް ދާގޮތުން، އަންނަ ޑިސެމްބަރު މަހަށް ބޮޑުބައި ނިންމާލެވޭނެ. މިދެންނެވީ ރޫފް ޓޮޕް އެޅިގެންދާނެއޭ. މިއީ ސްވިމިންގ އެތުލީޓުންނާ ސްވިމިންގް އާއިލާގެ ހަމަ ވަރަށް ބޮޑު ހުވަފެނެއް." ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ސްވިމިންގް ޕޫލުގެ މަސައްކަތް ނިމިގެންދާއިރު، ޑައިވިން ކުޅިވަރު ވެސް ރާއްޖެއަށް ތައާރަފުވެގެންދާނެ ކަމަށެވެ. އެގޮތުން 10 މީޓަރުގެ ޑައިވިން ޕޫލެއް އެޅިގެންދާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވިދާޅުވީ، ރާއްޖެއަކީ ހުނަރުވެރި އެތުލީޓުންތަކެއް އުފެދެމުން އަންނަ ގައުމެއް ކަމަށާއި، އުންމީދަކީ، ޑައިވިން ޕޫލާއެކު، އެ އެތުލީޓުންގެ ހުނަރު ތަރައްގީކުރެވިގެން ދިޔުން ކަމަށެވެ.

ހުޅުމާލެ ފޭސް 1 ގައި އަޅާ ސްވިމިންގ ޕޫލަކީ އިންޓަނޭޝަނަލް ސްޓޭންޑާޑްގެ 10 ލޭން ޕޫލެކެވެ. އަދި މިއީ 50 މީޓަރުގެ ޕޫލެއް ކަމަށް މޯލްޑިވްސް އެކުއޭޓިކްސް އިން ވަނީ ހާމަކޮށްފައެވެ. މި ޕޫލާއެކު ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ.