ޚަބަރު

އުރީދޫ ފަން ރަން ކިޓްތަކުގައިވާ ޚާއްޞަ ޓިކެޓްތަކަށް ހަދިޔާތަކެއް


  • ފަން ކިޓުތަކުގައި ޚާއްސަ ތިން ބާވަތެއްގެ ޓިކެޓްތަކެއް ހުންނާނެ

  • ކޮންމެ ޓިކެޓަކަށްވެސް "ކޮފީ ބީން އެންޑް ޓީ ލީފް" އިން ޚާއްސަ ހަދިޔާތަކެއް

‎ އުރީދޫ މޯލްޑިވްސްއިން ބާއްވާ ފޯރިގަދަ ދުވުން ކަމަށްވާ "ފަން ރަން" އަށް ވިއްކާފައިވާ 250 ފަން ކިޓުގައި ޚާއްސަ ޓިކެޓްތަކެއް ހިމެނިފައިވާނެ ކަމަށާއި، ކޮންމެ ޓިކެޓަކަށްވެސް "ކޮފީ ބީން އެންޑް ޓީ ލީފް" އިން ޚާއްޞަ ހަދިޔާތަކެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

‎އުރީދޫ ފަން ރަންއަކީ، 19 ޑިސެމްބަރުގައި ހުޅުމާލޭގައި އޮންނަ 5 ކިލޯ މީޓަރުގެ ދުވުމެކެވެ. ފަންރަންގެ ކިޓުތައް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް ގޯލްޑަން ޓިކެޓެއް ލިބޭނެއެވެ. އެ ގޯލްޑަން ޓިކެޓު ލިބޭ ފަރާތަކަށް އެއް އަހަރު ވަންދެން ކޮންމެ މަހަކު "ކޮފީ ބީން އެންޑް ޓީ ލީފް" އާއި، ރެސްޓޯރެންޓުން އެއް އަހަރު ވަންދެން ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ޑްރިންކް ލިބޭނެއެވެ. އަދި ސިލްވަރ ޓިކެޓް ލިބޭ ފަރާތްތަކަށް 5 ހޭންޑް ކްރާފްޓެޑް ޑްރިންކްސް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން އެ ކިޓްތަކުގައި ހިމެނޭ ޕާޕަލް ޓިކެޓް ލިބޭ ފަރާތްތަކަށް ކޮފީ ބީން އެންޑް ޓީ ލީފްގެ ބުއިންތަކުން 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

‎މީގެ އިތުރުން ފަން ރަން އޮންނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކޮފީ ބީން އެންޑް ޓީ ލީފުގެ ޚާއްޞަ ސްޓޯލެއް ހުންނާނެ ކަމަށާއި، އެތަނުން އެކި ބުއިންތަކުގެ ރަހަ ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބޭނެ ކަމަށް އޫރީދޫއިން ބުނެއެވެ.

‎އުރީދޫއިން ބުނީ، މިއަހަރުވެސް ފަންރަން ކުރިޔަށް ދާނީ ވަރަށް ފޯރިގަދަކޮށް ކަމަށާއި، ކޮންމެ ކިލޯ މީޓަރެއްގައިވެސް ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށެވެ. އަދި މިމަހުގެ 18 ވާ ބުރާސްފަތި ދުވަހު ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އެރޭ ޚާއްސަ މިއުޒިކު ޝޯވއެއްވެސް އޮންނާނެ ކަމަށެވެ.

‎ފަންރަން މިއުޒިކް ޝޯވ ހުކުރު ދުވަހުގެރޭވެސް ކުރިޔަށްދާނެ ކަމަށާއި، މިއީ ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދާ ހަރާކާތެއް ކަމަށް އުރީދޫއިން ބުނެއެވެ. ފަން ކިޓް ނުލިބޭ ފަރާތްތަކަށްވެސް މި ދެ ދުވަހު ސެންޓްރަލް ޕާކުގައި އޮންނަ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށާއި، އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުން ކަމަށް އުރީދޫއިން ބުނެއެވެ.

‎މީގެ އިތުރުން އުރީދޫ ކުލަބު ޕްރިމިއަރ ކަސްޓަމަރުންނަށް ކޮފީ ބީން އެންޑް ޓީ ލީފްއިން ޚާއްޞަ ޑިސްކައުންޓްތައް ލިބޭނެ ކަމަށާއި، އުރީދޫގެ "ޓެކްޓްސް އަ ކޮފީ" މެދުވެރިކޮށް މިހާރު ރައްޓެހިންނާއި، އާއިލާ ބޭފުޅުންނަށް ކޮފީ ބީން އެންޑް ޓީ ލީފްއިން ވިއްކާ ބުއިންތައް ހަދިޔާ ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ޕާޓްނަރަކަށްވުމަކީ، ލިބޭ ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގެ މުޖުތަމައާއި ގުޅޭ ހަރަކާތްތަކުގައި ބައިވެރިވުމަކީ، ލިބޭ ބޮޑު އުފަލެއް ކަމަށް ކޮފީ ބީން އެންޑް ޓީ ލީފުން ބުނެއެވެ. އޭގެތެރޭގައި އުރީދޫ ފަން ރަން ފަދަ މަޖާ ހަރަކާތެއްގައި ބައިވެރިވުމަކީ، ދިވެހިންނާއި ގުޅުން ބަދަހި ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ރެސްޓޯރެންޓުން ބުނެއެވެ.

ކޮފީ ބީން އެންޑް ޓީ ލީފަކީ، ދިވެހިންގެ މެދުގައި މަޤުބޫލު ބްރޭންޑެއް ކަމަށާއި، އެ ބްރޭންޑުގެ އަސްލަކީ ފިލިޕީންސް ކަމަށްވެސް އެ ރެސްޓޯރެންޓުން ބުނެއެވެ. އަދި ރާއްޖެއަކީ، ގިނަ އަދަދެއްގެ ފިލިޕީންސް މީހުން ދިރިއުޅޭ ޤައުމެއް ކަމުން ދިވެހިންގެ އިތުރުން ފިލިޕީންސް މީހުންނަށްވެސް މިއީ މަޤުބޫލު ބްރޭންޑެއް ކަމަށް އެ ރެސްޓޯރެންޓުން މައުލޫމާތުދެއެވެ.