ޙައްޖާއި ޢުމްރާގެ ޚިދުމަތް އުސޫލާއެއްގޮތަށް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ކަންތައްތައް ކުރަމުންއައީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުންނެވެ. އެހެންނަމަވެސް ކޯވިޑަށްފަހު ޙައްޖަށް މީހުން ގެންދިޔުމުގައި އެތައް ދަތިތަކެއް ކުރިމަތިވެ ޙައްޖަށް ދާން ބޭނުންވެ ފައިސާ ދައްކާފައިވާ މީހުންގެ ކިޔު ދިގުވުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އެކަން ހައްލުކުރުމަށް ސަރުކާރުންވަނީ 2023 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ މަސައްކަތް ހަމައެކަނި ޙައްޖު ކޯޕަރޭޝަންގެ ދަށުން ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ.
އެހެންނަމަވެސް ޢުމްރާއަށް މީހުންގެންދިޔުމުގެ ފުރުސަތު މިހާރުވެސް އަމިއްލަ ކުންފުނިތަކަށް އޮވެއެވެ. ޙައްޖު ޢުމްރާގެ ކަންކަމުގައި ވާދަވެރި މާޙައުލެއްގައި އެކަންކޮށް ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ލިބޭނެ މަގުފަހިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މިގޮތުން މިހާރުވަނީ ޙައްޖު އަދި ޢުމްރާއަށް މީހުންގެންދާ ގްރޫޕްތަކުގެ މެދުގައި އެންމެ ރަނގަޅު ޚިދުމަތްފޯރުކޮށްދޭ ފަރާތްތައް އަދި ވުޒާރާގެ އުސޫލުތަކަށް ތަބާވާ ގްރޫޕްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދިނުމަށް ނިންމަވާފައެވެ.
ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް ފަށައިފި
— Ministry of Islamic Affairs (@MVIaffairs) December 11, 2025
The Hajj and Umrah Conference and Exhibition 2025 has officially and successfully begun today at the Islamic Centre Hall. pic.twitter.com/Qz6qmZgtUO
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމަށްޓަކައި ބޭނުންވާ އުސޫލު މިހާރު އެކުލަވާލާފައިވާކަމަށެވެ. އަދި ޙައްޖު ޢުމްރާ ކޮންފަރެންސްގެ ތެރެއިން ގްރޫޕްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށްދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެއަށްފަހު އުސޫލު ފައިނަލްކޮށް ޢަމަލުކުރަން ފަށާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މީގެ ދަށުން އަންނަ އަހަރުން ފެށިގެން ކުންފުނިތަކަށް ޚާއްސަ އެވޯޑެއް ދެމުންދާނެކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.
ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހީންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، އެޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކާއެކު އަންނަނީ ޙައްޖު ޢުމްރާ ކޮންފަރެންސް ބާއްވަމުންނެވެ. މިފަދަ ދެވަނަ ކޮންފަރެންސް އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެންވަނީ އިސްލާމީ މަރުކަޒުގައި ބާއްވާފައެވެ.