ޚަބަރު

ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިޔަނަށް، މިއީ %37 ކުރިއެރުމެއް


  • މިދިޔަ އަހަރުގެ އަދަދު ހުރީ 965 މިލިޔަން ޑޮލަރުގައި

  • ޓީ- ޖީއެސްޓީގެ ގޮތުގައި 636 މިލިޔަން ޑޮލަރު ލިބިފައިވާ

  • ގްރީން ޓެކްސްގެގޮތުގައި ލިބުނު އަދަދަށް ބޮޑުކުރިއެރުމެއް ލިބިފައިވޭ

ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %37 އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން 11 މަސްދުވަސްތެރޭ ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި ހިމެނެނީ 965 މިލިޔަން ޑޮލަރެވެ. މިއަދަދު މިއަހަރުގެ މި މުއްދަތުގައިވަނީ 1.3 ބިލިޔަން ޑޮލަރަށް އިތުރުވެފައެވެ. މިއީ %37ގެ ކުރިއެރުމެކެވެ.

މިއަހަރުތެރޭ ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޓޫރިޒަމް ލޭންޑު ރެންޑެގެ ގޮތުގައި ލިބިފައިވާ އަދަދެކެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ:

- ޓީ- ޖީއެސްޓީ: 636 މިލިޔަން ޑޮލަރު
- ގްރީން ޓެކްސް: 132 މިލިޔަން ޑޮލަރު
- އިންކަމް ޓެކްސް: 131 މިލިޔަން ޑޮލަރު
- ޑިޕާޗަރ ޓެކްސް: 110 މިލިޔަން ޑޮލަރު
- އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 112 މިލިޔަން ޑޮލަރު
- ޓޫރިޒަމް ލޭންޑު ރެންޓު: 100 މިލިޔަން ޑޮލަރު

މިއަދަދުތަކުގެތެރެއިން އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސްއަށެވެ. އެގޮތުން މި އަދަދު މިއަހަރުވަނީ 2 ގުނައަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 63 މިލިޔަން ޑޮލަރެވެ.

މީރާގެ ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހު ބަލައިގަތް އާމްދަނީގެތެރޭގައި 103 މިލިޔަން ޑޮލަރު ހިމެނެއެވެ. މި އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައި ހުރީ 84 މިލިޔަން ޑޮލަރުގައެވެ.