ޚަބަރު

މިހާތަނަށް 980،000 އަށްވުރެ ގިނަ ގަސް އިންދައިފި


  • މިއަހަރު ނިމުމުގެ ކުރިން 1 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެއް

  • މިއަދާ ހަމައަށް މުޅި ޖުމްލަ 985،083 ގަސް ވަނީ އިންދާފަ

5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 980،000 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1 މިލިޔަން ގަސް އިންދުމަކީ، ސަރުކާރުގެ އަމާޒެކެވެ.

5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމަށާއި، ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގުރާމެކެވެ.

މިއީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި، އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިއަދާ ހަމައަށް މުޅި ޖުމްލަ 985،083 ގަސް އިންދާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2 ހައިވަކަރު ގަސްވެސް ވަނީ އިންދާފައެެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކޮންމެ ވައްތަރެއްގެ ގަހެއް އިންދުމަކީވެސް ރާއްޖެއަށް އިތުރު ފެހިކަމެއް ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ކަށަވަރު ކޮށްދިނުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ގަސް އިންދާފައިވާއިރު، މިކަމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، ސްކޫލުތަކާއި، ކައުންސިލުތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އަދި ކޮންމެ ބާވަތެއްގެ ގަހެއް އިންދުމަކީވެސް ދިވެހިރާއްޖެ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މަޝްރޫޢުގެ އޮފިޝަލުން ވިދާޅުވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް އިތުރުކޮށް، 5 މިލިޔަން ގަހުގެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނިމިގެންދާއިރު، ދިވެހިރާއްޖެ ވާނީ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުވެފައިވާ ޤައުމަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.