ޚަބަރު

"ތެވެލި" ކޮންފަރެންސް އޮގަސްޓު މަހު


  • މި ކޮންފަރެންސް އޮންނާނީ އޮގަސްޓް 17 އިން 19އަށް

  • މިހާރު ވަނީ ކަރުދާސްތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއިން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް އަންނަ އަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމާފައިވާކަން އެ ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ، އަންނަ އަހަރުގެ އޮގަސްޓު މަހުގެ 17 އިން 19ވަނަ ދުވަހަށެވެ.

އެމްއެންޔޫއިން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ކޮންމެ އަހަރަކުވެސް ބާއްވާ މި ކޮންފަރެންސްގެ މަޤްސަދަކީ، ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި، ޤައުމީ ޔުނވަރސިޓީއަކީ ޢިލްމު އުފައްދާ ޢިލްމް ކުރިއަރުވާ ޔުނިވަރސިޓީއަކަށް ހެދުން ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި، ޤައުމީ މުހިއްމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.

މި ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދާ އެކިއެކި ސެޝަންތަކުގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި، ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތެވެލި ކޮންފަރެންސް 2026އަށް އެކި ދާއިރާތަކުން ކަރުދާސް ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ތެވެލި ކޮންފަރެންސް 2026 އިއުލާނު ކުރުުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސާރޗް އެންޑް އެންޓަޕްރައިޒް، ޑރ.ރަޙީމާ ޢަބްދުއްރަހީމް ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި މި ކޮންފަރެންސަށް ބޮޑު ތަރުޙީބެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކޮންފަރެންސަށް 237 ޕޭޕަރު ލިބިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އޭގެތެރޭގައި 18 ޤައުމަކުން ހުށަހަޅާފައިވާ 50 ޕޭޕަރު ހިމެނޭ ކަމަށެވެ.

އެހެން އަހަރުތަކާ ޚިލާފަށް އަންނަ އަހަރުގެ ކޮންފަރެންސަށް އެމްއެންޔޫއިން ވަނީ، ސްޓޫޑެންޓް ސިމްޕޯޒިއަމެއް ތަޢާރަފްކޮށްފައެވެ. މި ސިމްޕޯޒިއަމްގައި އަންޑަގްރެޖުއޭޓް ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށާއި، ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުމަށް ދަރިވަރުންނަށް އަމާޒުކޮށްގެން ހުށަހެޅުމާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަންވެސް އެ ޔުނިވަރސިޓީން ފާހަގަކުރައްވައެވެ.

" ސްޓޫޑެންޓް ސިމްޕޯޒިއަމް އަޅުގަނޑުމެން މިއަހަަރު އަލަށް ތަޢާރަފްކުރި އެއްޗެއް މިއީ. މީގެ މަޤްސަދަކީ ދަރިވަރުންނަށް ޕްލޭޓްފޯމެއް ކްރިއޭޓް ކޮށްދިނުން، ބާރުވެރި ކުރާ އެމީހުންގެ ވިސްނުންތައް ވަރުގަދަކޮށް ހުށަހެޅުން ހުށަހަޅާ ޕްލެޓްފޯމެއްގެ ގޮތަށް. މިއިން އެންމެ މުހިންމު އެއްޗެއްގެ ގޮތަށް މި ބަލަނީ ކެރުންތެރިކަން. ދަރިވަރުން މިކަހަލަ ޕްލެޓްފޯމްތަކުގައި ހުށަހެޅުންތައް ހުށަހެޅީމާ ދަރިވަރުންނަށް މީގެން ލިބޭ މަޢުލޫމާތު މުއްސަނދިވެ، ދިރާސާ ކޮށްގެން އައިސް ހުށަހަޅާނެ އެއްޗެއްގެ ގޮތަށް". އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓްސް ލީލާ އަޙްމަދު ވިދާޅުވިއެވެ.

އެމްއެންޔޫއިން އެންމެ ފުރަތަމަ މި ކޮންފަރެންސް ބާއްވާފައިވަނީ، 2017 ވަނަ އަހަރުއެވެ. އެއަށްފަހު ކޮންމެ އަހަރަކުވެސް އެ ޔުނިވަރސިޓީން އަންނަނީ، މި ކޮންފަރެންސް ބާއްވަމުންނެވެ.

ޤައުމީ ޔުނިވަރސިޓީއަކީ، ދިރާސާ ކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ފަންނީ ޢީލްމީ ދިރާސާތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއެކެވެ.