ތަމްރީނަށްފަހު ފުލުހުންގެ ޚިދުމަތާއި ގުޅޭ އޮފިސަރުންވެސް އެންމެ އިސްކަމެއްދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ 41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުން ދަސްވެނިވު ހުރިހާ ދަސްވެނިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ. ވަޒީރު ވިދާޅުވީ، އަސާސީ ތަމްރީނަށްފަހު ދެން އިސްކަންދޭނީ، ކުށުގެ ވެށީގެ ބޮޑެތި މައްސަލަތަކާ ކުރިމަތިލުމަށް ބޭނުންވާ ޚާއްސަ ތަމްރީންތައް ހޯދާ، ދިވެހި މުޖުތަމަޢު %100 ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށްކަމަށެވެ.
ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަޑު 4 ސިޔާސަތަކަށެވެ. ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްކަމަށެވެ. ރައްކާތެރިކަމުގެ އިޙުސާސު ކޮންމެ ރައްޔިތެއްގެ ހިތުގައި ނުއުފުދޭހާ ހިނދަކު އެ ޢަމާޒަށް ވާސިލު ނުވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޚާއްސަ މިޝަން ސެޓެއް ސިޔާސަތުގެތެރޭގައި އެބަ ހިމެނޭ. ޑްރަގްގެ ވަބާ އެއްކޮށް ނައްތާލުން، ގޭންގް ހަދައިގެން ކުށްކުރާ ގްރޫޕްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް މުޖުތަމަޢު ސަލާމަތްކުރުން، ޤަވައިދާ ޚިލާފައި އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ޙައްލުކުރުން، ކުށުގެ މާޙައުލުން ކުޑަކުދިން ސަލާމަތްކުރުން. މިކަންކަމަށް ބޭނުންވަނީ %70، %80ގެ ޙައްލެ ނޫން. %100ގެ ޙައްލެއް." ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއިން ކޮންމެ މަސައްކަތެއްގައި ނުރައްކާތެރި މާޙައުލުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާންޖެހޭނެކަމަށެވެ. ނަމަވެސް މިއިން ކޮންމެ މަސައްކަތަކީ، ކޮންމެ މާޙައުލަކީ ރައްޔިތު މީހާއަށް ރައްކާތެރި މާޙައުލެއްކަމުގެ އިޙުސާސުކޮށްދިނުމަށް އަދާކުރާ ޤައުމީ ވާޖިބުކަމަށެވެ.
"ރިޝަވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނުމުގައި ސާބިތުބާން ޖެހޭ. މަޤާމުގެ ކުރިއެރުންތަކާއި، ތަފާފު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތައްވެސް އަންނާނެ. މިފަދަ ބަލިމަށުކަމެއްގައި ނުޖެހުމަށް ނަސޭހަތްތެރިވަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ޚިދުމަތް ދޭން ފަށާފަވާއިރު، ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިދާރާއެއް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ. 140އަށްވުރެ ގިނަ ރަށުގައި މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ މުއްދަތުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު، އަސާސީ ތަމްރީން ފުރިހަމަ ނުކޮށް ތިބި 1000އަށްވުރެ ގިނަ ފުލުހުން ތިބިކަމަށެވެ. މީގެތެރެއިން މިހާތަނަށް 967 ފުލުހުން ތަމްރީން ފުރިހަމަކޮށްފަވާއިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެކަމަށް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ ތަމްރީން ފުރިހަމަކުރި ސިފައިންނާއި، ފާހަގަކޮށްލެވޭ ވަނަތަށް ޙާސިލްކުރި ފުލުހުންނަށް މަރުޚަބަ ދަންނަވާފައެވެ. އަދި ފުލުހުންގެ އަސާސި ތަމްރީންގެ އެންމެ ޝަރަފުވެރި ވަނަ ފުރަތަމަ ފަހަރަށް، އަންހެން ފުލުހަކަށް ލިބުމަކީވެސް ފުލުހުންގެ ތާރީޚް ބަދަލުކޮށްލި ކާމިޔާބިއެއްކަމަށާއި، މިކަމުން ދައްކުވައިދެނީ، އަންހެން ފުލުހުންނަށްވެސް ހަމަހަމަކަމާއެކު ކުރިއަރާ ދިއުމަށް ހުޅުވިފައިވާ ތަނަވަސް ފުރުޞަތުތައްކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.