ޚަބަރު

ލަންކާ ލަޔަންސް ފުޓްސަލް ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފި


  • މިއީ ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ގުޅިގެން ބޭއްވި ހަރަކާތެއް

  • މި މުބާރާތުގައި 24 ޓީމު ބައިވެރިވި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ލަންކާ ލަޔަންސް ޓީމުން އިންތިޒާމުކޮށްގެން "ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025" ގެ ނަމުގައި އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް މާލޭގައި ބާއްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޒްވީ ހަސަން ވަނީ މި މުބާރާތުގެ މެޗުތައް ބައްލަވާލައްވާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

މި މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވެއެވެ. އެ ޓީމުތަކުގައި ސްރީލަންކާ، ބަނގްލަދޭޝް ނޭޕާލް އަދި އިންޑިއާ ރައްޔިތުން ހިމެނެއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރެންޑްސް ކުލަބު އޭ ޓީމުންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއެކު ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ލަންކާ ލަޔަންސް ބުލޫ ޓީމުންނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ ފައިނަލް މެޗު ފްރެންސް ކުލަބު އޭ ޓީމުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު މާފަންނު ޓާފްގައެވެ. މި މުބާރާތް އިންތިޒާމުކުރި ލަންކާ ލަޔަން ޓީމުން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ރޭވި ހަރަކާތެއް ކަމަށެވެ. އަދި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ރާއްޖޭގެ ކުޅިވަރު ވަޒީރާއި ލަންކާ ސަފީރު ވަޑައިގެންދެއްވިކަމީ ރާއްޖޭގެ ބިދޭސީ ކޮމިއުނިޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުރިޔަށް އޮތްތަނުގައިވެސް ލަންކާގެ ރައްޔިތުން މިފަދަ ހަރަކާތްތައް މާލޭގައި ރާވާނެ ކަމަށާއި، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަންކާ ލަޔަންސް އިން ބުނެއެވެ.