ޚަބަރު

އޮޅުވެލިފުށީ އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި


ޅ. އޮޅުވެލިފުށީގައި އަލަށް ތަރައްޤީކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

އޮޅުވެލިފުށީ ވޮލީ ކޯޓު ހުޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި އޮޅުވެލިފުށީ ކައުންސިލުގެ މެންބަރުންނެވެ.

މި ވޮލީ ކޯޓަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު އަދި އޮޅުވެލިފުށީ ކައުންސިލުގެ އެހީތެރިކަމާއެކު ނިންމާފައިވާ ކޯޓެއް ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

ޒަމާނީ ފެންވަރަށް ޓާފު އަޅައިގެން ތަރައްޤީކުރި މި ވޮލީ ކޯޓަކީ ދުވާލާއި ރޭގަނޑުވެސް ބޭނުން ކުރެވޭގޮތަށް ލައިޓްހަރުކޮށް، ފެންސް ޖަހާ ވަށާފާރު ރާނާ ނިންމާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކޯޓެކެވެ.

އޮޅުވެލިފުށީ ކައުންސިލުން ވިދާޅުވީ މިއީ އެރަށުގައި ގާއިމުކުރި ފުރަތަމަ ރަސްމީ ވޮލީކޯޓު ކަމަށެވެ. އަދި މި ވޮލީ ކޯޓުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމުގައި ކައުންސިލާއި ކުޅިވަރު ވުޒާރާއާއި އެދާއިރާގެ މަޖިލީސް މެންބަރު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޮޅުވެލިފުށީ ކައުންސިލުން ވިދާޅުވީ އުންމީދަކީ އެރަށުގައި ވޮލީ ކުރިއަރާ މޮޅެތި ކުޅުންތެރިން އުފެދިގެން އައުން ކަމަށެވެ. އޮޅުވެލިފުށީ ވޮލީކޯޓު ހުޅުވުމަށްފަހު ރޭ ވަނީ ހާއްސަ މެޗެއް ކުޅެފައެވެ.