ޚަބަރު

ދެވަނަ ފިޔަވަހީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފި


  • ރުފިޔާ އޭޓީއެމް ބަހައްޓާފައިވަނީ ހިޔާ ފްލެޓް 6 އަދި 7ގެ ދެމެދުގައި

  • ޑޮލަރު އޭޓީއެމް ބަހައްޓާފައިވަނީ ސްޓެލްކޯ ފްލެޓްތައް ކައިރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 2 އޭޓީއެމް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.

ދެވަނަ ފިޔަވަހީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާ ފްލެޓް ޓަވަރު 6 އަދި 7 ގެ ދެމެދުގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި އެކު ހިޔާގައި ތަރައްޤީކޮށްފައިވާ އޭޓީއެމުން ޑޮލަރުގެ ޚިދުމަތް ލިބިގެންދާނެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ.

މި މަޝްރޫއު ހިންގުމުގައި ޚަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ޤާއިމުކުރުމަށް ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު، %33 ޚަރަދު ކުޑަކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.