ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ ޖުލައި މަހު ގުޅާލައި ބޭނުން ކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިއީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން ކުރަމުންދާ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޚު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން، ޕޭމަންޓް މޯލްޑިވްސްގެ އިކުއިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ހުރިހާ ބޭންކުތަކަށާއި، ފައިސާ ދެއްކުމުގެ ޚިދުމަތް ދޭ ފަރާތްތަކަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެމް.އެމް.އޭއިން ތަޢާރަފުކޮށްފައިވާ ޤައުމީ ކިއު.އާރު ކޯޑުގެ މިންގަނޑުތަކާއި (ޕޭ.އެމް.ވީ) އެއްގޮތަށް ކިއު.އާރު ކޯޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕޭމަންޓް މޯލްޑިވްސްއިން ފަވަރާގެ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
" 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފަވަރާއާއި އިންޑިއާގެ ޔޫ.ޕީ.އައިއާއި ދެމެދު ބޯޑަރު ހުރަސްކޮށް މުއާމަލާތް ކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމުމަށް އަންނާނެ."
އުމުރުން ދުވަސްވީ މީހުންނަކީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުގެ އަމާޒެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަ ޤައުމަކަށް ބަލާއިރު ރާއްޖޭގައި މިފަދަ ކަންކަން ހިނގާ ޢަދަދު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ނޮވެމްބަރު މަހު އެކަނިވެސް ޕޮލިހަށް 165 މަކަރާއި ހީލަތުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިކަމުގެ ސަބަބުން 1.2 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. ދުވާލަކަށް ބަލާނަމަ މިއީ ދުވާލަކު 5 މައްސަލައެވެ. މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެމްއެމްއޭއިން އިފްތިތާޚުކޮށްފައިވާ ޤައުމީ މާލީ ޚިދުމަތްތަކަށް އެންމެންނަށް ފުރުސަތު ހޯދައިދިނުމުގެ ސްޓްރެޓެޖީ ނުވަތަ ނޭޝަނަލް ފައިނޭންސް އިންކުލޫސިވް ސްޓްރެޓެޖީއަކީ މިކަމަށް ޙައްލެއް ލިބޭނެ ސްޓްރެޓެޖީއެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި ސްޓްރެޖެޓީގައި އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.