އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަށަވަރު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި 297 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ މި މަހުގެ 1ވަނަ ދުވަހުއެވެ. ޕްރައިމަރީގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާއިރު ޕްރައިމަރީ އޮންނަ ދާއިރާތަކާއި ކެންޑިޑޭޓުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.
އެ ޕާޓީން ނެރެފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.
ޕީއެންސީން ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއެއްގައެވެ. އެއީ އައްޑޫ ސިޓީ މޭޔަރެވެ. އެ މަޤާމަށް ޕީއެންސީގެ ޓިކެޓަށް 2 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން ބުންޏެވެ.
ހޮނިހިރު ދުވަހު ޕްރައިމަރީ ބާއްވާ ދާއިރާތަކުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓުވެސް ޕީއެންސީން މިހާރު ވަނީ އާންމުކޮށްފައެވެ.
މި ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ އެކަން ޕީއެންސީގެ އިންތިޚާބީ ޝަކުވާ ހުށަހެޅުމަށް ޚާއްސަކޮށްފައިވާ ނަންބަރ 9323686 އަށް ބައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހެޅުމަށް އެ ޕާޓީން އެދެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު މިހާތަނަށް އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވަން ޕްރައިމަރީ ބާއްވާ ތާރީޚުތައް އިއުލާންކުރީ އެންމެ ދެ ޕާޓީންނެވެ. އެއީ ޕީއެންސީ އާއި އެމްޑީޕީއެވެ.