ޚަބަރު

މޯލްޑިވްސް 2.0 އާއެކު ޚިދުމަތް ހޯދަން ގުޅާ އާދޭސްކުރުން ނިމުމަކަށް!


  • އެއްވެސް މީހަކަށް އެއްވެސް ޚިދުމަތެއް ކިޔުފަޅާލާފައި ނުދެވޭނެ

  • ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް މަދުވާނެ

މޯލްޑިވްސް 2.0 އާއެކު ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް އަވަސްކުރުމަށް އެކި ފަރާތްތަކަށް ގުޅައިގެން އާދޭސްކުރަން ޖެހުން ނިމުކަމަކަށް އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ދައުލަތުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ ދޮރެއް މިއާއެކު ބަންދުވެގެންދާނެކަމަށެވެ.

މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް އެއްވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އިދާރާތަކުގެ މަސައްކަތްވަނީ މިވިއުގައާއި ގުޅާލާފައެވެ. މިމަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދެމުންދާ 200 އެއްހާ ޚިދުމަތް ވިއުގައާއި ގުޅާލެވިފައިވާއިރު ސަރުކާރުގެ 14 އިދާރާއެއް މިހާރު މިވިއުގައިގެ ތެރެއަށް ގެނެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ މަސައްކަތުގެ ތެރެއިން އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ގުޅާލެވުމުން އެއްކަމެއްގައި އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު ބަދަލުވެގެންދާނެކަމަށެވެ. މިއާއެކު އެންމެ "ކްލިކަކުން" އެމީހަކު ހޯދުމަށް މަސައްކަތްކުރާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ.

"އަންނަ އަހަރު ތަންފީޒުކުރެވޭނެ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޑޭޓާ އެކްސްޗޭންޖް ލޭޔަރ މިހާރު ހުރީ އެކި އިދާރާތަކުގެ ވަރަށް ވަކިން. އެހުރިހާ ސިސްޓަމްތަކެއް އެއްކޮށް ގުޅާލެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ، މިނިޒާމަށް ގެނެވޭ ބަދަލުތަކާއެކު މިހާރު އެކި އިދާރާތަކުން ޚިދުމަތް އަވަސްކުރަން މީހުންނަށް ގުޅުން ފަދަ ކަންކަމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް މުޢާމަލާތެއް ނުހިންގޭނެކަމަށެވެ. އެގޮތުން އެއްވެސް ފަރާތަކަށް ކިޔުގައި ޖެހިގެން ޚިދުމަތް ހޯދަންޖެހޭ ތަންތަނުގެ ކިޔުއާ ޚިލާފުވެ ޚިދުމަތްތައް އަވަސްކުރުމުގެ ސަގާފަތު އުވިގެންދާނެކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރު މިއޮންނަ ގޮތަކީ ކަމެއް ބޭނުންވީމަ އެތަނެއްގައި ހުންނަ ރައްޓެއްސަކަށް ގުޅާލާފައި މިބުނަނީ އެކަމެއް އަވަސްކޮށްދޭށޭ. އެނިޒާމު ބަދަލުވާނެ، އެގޮތަށް ކަންކުރާނަމަ ނިސްޓަމުން ފްލެގްކުރާނެ މައްސަލައެއް އުޅޭކަން." ވަޒީރު ވިދާޅުވިއެވެ.

އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢުއާއެކު ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ރާއްޖޭގައި މަޢުލޫމާތު ރައްކާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދިޔުމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާ ވަރުގަދަވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވިގެންދާއިރު، ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.