ޚަބަރު

އަހަރުގެ މިހާތަނަށް 2.2 މިލިޔަން ފަތުރުވެރިން


  • ރެކޯޑު އަދަދަކަށް ފަތުރުވެރިން މިވަނީ ޒިޔާރަތްކޮށްފައި

  • މިދިޔަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 2 މިލިޔަން ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.9 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2,213,795 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 2,014,577 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.

ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 27 ދުވަސްތެރޭ ރާއްޖެއަށް ވަނީ 191,734 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.4 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

* ޗައިނާ: 328,503 ފަތުރުވެރިން
* ރަޝިއާ: 272,852 ފަތުރުވެރިން
* އިނގިރޭސިވިލާތް: 199,570 ފަތުރުވެރިން
* ޖަރުމަނުވިލާތް: 166,079 ފަތުރުވެރިން
* އިޓަލީވިލާތް: 147,529 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަން ފަތުރުވެރިންނަށްވެރެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެންބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ.

ފަތުރުވެރިނަކަމާ ގުޅޭ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން އާދެއެވެ.