ޚަބަރު

އެތުލެޓިކްސް އެސޯސިއޭޝަންގެ އައު ޓެކްނިކަލް ޑައިރެކްޓަރަކަށް މޫސާ ރަޝީދު


އެތުލެޓިކްސް އެސޯސިއޭޝަންގެ އައު ޓެކްނިކަލް ޑައިރެކްޓަރގެ މަގާމަށް މޫސާ ރަޝީދު (އެސްޕީ) އައްޔަންކޮށްފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ރާއްޖޭގެ އެތުލެޓިކްސް ކުޅިވަރުތައް ތަރައްޤީކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރާ މޫސަ އަކީ މިދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ޓެކްނިކަލް ސްޓާފެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ޓެކްނިކަލް ޑައިރެކްޓަރގެ ހައިސިއްޔަތުން މޫސަގެ ތަޖުރިބާގެ އަލީގައި މުޅި ރާއްޖެއަށް އެސޯސިއޭޝަންގެ ޕްރޮގްރާމުތައް ފުޅާކޮށް ހަރުދަނާކޮށް އިތުރު ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށެވެ.

ކޯޗު މޫސަ ވަނީ ޓްރެކް އެންޑް ފީލްޑް ކޯޗުން ތަމްރީނުކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ މާސްޓަރ ކޯޗެއްގެ ހައިސިއްޔަތުން މީގެ ކުރިންވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

2008 ވަނަ އަހަރު އޭނާ ވަނީ ވޯލްޑް އެތުލެޓިކްސްއިން ދޭ އިންޓަނޭޝަނަލް ކޯޗިންގެ އެންމެ މަތީ ފަންތީގެ ފާސްކަމަށްވާ ޓްރެކް އެންޑް ފީލްޑް ކޯޗިންގެ ލެވެލް 5 ހާސިލުކުރައްވާފައެވެ.

ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯޓްސް ސައިންސްގެ ރޮނގުން ހަންގޭރީގެ ސެންމެލްވެއިސް ޔުނިވަސިޓީން ޑިޕްލޮމާ ހާސިލްކޮށްފައިވާ މޫސައަކީ ޕީއެސްއެމްގެ ޗެނަލް ޓީވީއެމްގައި 2010- 2014 އަށް ކުޅިވަރާއި ދުޅަހެޔޮކަމާ ގުޅޭ ގޮތުން ގެނެސްދިން ޕްރޮގްރާމެއް ހުށަހައިދިން ޕްރެސެންޓަރެއްވެސްމެއެވެ.

މޫސަ ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް ކަމަށާއި، ކޯޗަސް ކޮމިޓީގެ ޗެއާމަންކަމާއި، ގައުމީ ކޯޗުކަން އަދި ޗީފް ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ. ޖިމްނާސްޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާމަންކަމުގެ މަގާމުވެސް އަދާކުރި މޫސަ އަކީ ކުރިން ބައެއް ސުކޫލުތަކުގައި ސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ގޮތުންވެސް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ކޯޗެކެވެ.