ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 280 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ. މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ.
ރަސްމާލެ މަޝްރޫޢުއަކީ މިވަގުތު މުޅިރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު 4 ކުންފުންޏަކުންދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ މިހާތަނަށް ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 280 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ.
12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވާ "ސައިޓު އޭ"ގެ މަސައްކަތެވެ. އެކުންފުނިން ހާމަކޮށްފައިވާގޮތުން އަންގާރަ ދުވަހާއި ހަމައަށް އެސަރަޙައްދުން 64 ހެކްޓަރުގެ ބިން ހިއްކާވަނީ ނިންމާލާފައެވެ. އެއީ ސައިޓު އޭގައި ހިމެނޭ 138 ހެކްޓަރުގެ ތެރެއިން 47 އިންސައްތައެވެ.
Rasmale’ Land Reclamation project update:
— Maldives Airports Company Ltd (@MACLmedia) January 7, 2026
Progress at Rasmale’ Site A has reached 64 hectares reclaimed out of the planned 138 hectares, representing approximately 47% overall completion. pic.twitter.com/fGJ7meHd62
ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއިންވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮން ބޭނުންކުރަން ފަށާފައެވެ. ޑިސެމްބަރު މަހުގެ 1ވަނަ ދުވަހު ސައިޓް އޭގެ މަސައްކަތް ފެށިފަހުން މިހާތަނަށް ދުވާލެއްގެ މައްޗަށް ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ކޮންމެ ދުވަހަކުވެސްދަނީ ހިއްކަމުންނެވެ.
އެމްއޭސީއެލްއާއި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާއާއި، ޗައިނާ ހާބަރ އިންޖިނިއަރިންގްއިން އަންނަނީ، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. މިވަގުތު ސަރުކާރުންދަނީ ރަސްމާލޭގެ މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.