ޤާނޫނާއި ޚިލާފަށް، މާލެ ސިޓީގައި ހިންގަމުންދިޔަ 104 މަސާޖް ޕާލާ ބަންދުކޮށް، ނޮވެމްބަރުމަހުގެ 17 ފެށިގެން މިއަދާހަމައަށް ބަޔޯމެޓްރިކްސް ނުދީ އުޅެމުންދިޔަ 922 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމައްސަލަތަކީ ކުރީގެ ސަރުކާރުތަކުންވެސް އެކަންކަމާ ދެކޮޅަށް މަސައްކަތްކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ނުހުއްޓުވި ހުރި މައްސަލަތައްކަމަށެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ޤާނޫނު ތަންފީޒުކޮށް، މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 އިން ފެށިގެން އެކި މައްސަލަތަކުގައި ހިމެނޭ 922 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ނޮވެމްބަރު މަހުގެ 15 ފެށިގެން ބަޔޯމެޓްރިކްސް ނުދީ މާލޭގެ މަގުތަކުގައި ޙަރަކާތްތެރިވެފައިވާ 362 ބިދޭސީންވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހުގެ 9 އިން ފެށިގެން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލެ ސިޓީއިން 104 މަސާޖް ޕާލާވެސް ބަންދުކޮށްފައިވާކަމަށެވެ.
"ޑިސެމްބަރު 9 އަކުންފެށިގެން، ގާތްގަނޑަކަށް 1 މަސްތެރޭގައި މާލެ ސިޓީން 104 މަސާޖް ޕާލަރ ބަންދުކޮށްފިން. މިއީ ހާދަ ބައިވަރު ތަންތަނޭ. މިތަންތަން ހިނގީ ގައިމު މުޖުތަމަޢު ތެރޭގައި މިކަމަށް ފުރުސަތު އޮތީމަ. އެހެންވީމަ އަޅުގަނޑުމެން އެންމެން ވާންއެބަޖެހޭ މިޤައުމުގައި ހުރި ނުބައި އާދަތައް ނައްތާލުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައިވާ ބަޔަކަށް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައިވެސް އެކަށީގެންވާ މިންވަރާ ގާތަށްވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެ ފަދަ މަސައްކަތްތަކެއް ކުރެވިފައިނެތުންކަމަށެވެ. އެހެންކަމުން ބްރިޖަކުން ގުޅޭނެހެން މާލެ ކައިރިން ގޯތި ދީފައިވާ ތަންތަން ހިއްކާ އެތަންތަނުން ގޯތިދެވޭނެ މަގު ވަރަށް އަވަހަށް ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތާއި، ސަރުކާރުން ބޯހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލުކަމުގެ ގޮތުގައި ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ.
"މިއީ މިމާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތް. މިކަންކަން ކުރުމަށް އަޅުގަނޑުމެން މަޑެއް ނުކުރާނަން ދައުރުގެ 4 ވަނަ އަހަރާހަމައަކަށް. މިއީ އެންމެ ބޮޑު މައްސަލަކަމަށްވީމަ އެންމެ އަވަހަށް އެންމެ އިސްކަމެއްދީގެން ހައްލުކުރަން ފަށާފަ މިއޮތީ." ރައީސް ވިދާޅުވިއެވެ.
ރައީސުލްހުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެއިން ދޫކުރާ 15000 ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތާއި މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 7900 ވަރަކަށް ފްލެޓަށްވެސް ކުރިމަތިލުމަށް މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި މިދައުރު ނިމިގެންދާއިރު މާލެ ސަރަޙައްދަށް ކުރިތިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.