ޚަބަރު

އުޒުރެއް ނުދައްކާނަން، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރޭނަން: ކޯޗު އާތިފް


ފަރިތަކުރުންތައް ކުރިއަށް ގެންދަން އެންމެ ފުރިހަމަ ވަސީލަތްތައް ނެތޭ ބުނެ އުޒުރުދައްކަން ބޭނުން ނުވާ ކަމަށާއި، ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ އަންހެން ޓީމުން ﷲ ގެ އިރާދަފުޅާއެކު ރަނގަޅު ނަތީޖާއެއް ނެރޭނެކަމަށް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.

ޓީމާއެކު ތައިލެންޑަށް ފުރުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ބުނީ، ފަރިތަކުރުންތައް ކުރިއަށް ގެންދަން ލިބުނީ 12 ވަރަކަށް ދުވަސް ކަމަށާއި ރަނގަޅު ފަރިތަކުރުންތަކެއް ބޭއްވުނީ ނުވަ ދުވަހު ކަމަށެވެ.

އެހެންކަމުން ހަގީގަތުގައި ޓީމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނީ ފުރަތަމަ މެޗަށްފަހު ކަމަށް ކޯޗު އާތިފް ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ބައެއް ޤައުމުތަކުގެ ކުޅުންތެރިން، ރާއްޖޭގައި އޮންނަ އެކިއެކި މުބާރާތްތަކުގައި ބައިވެރިވާން އައިސް، ދިވެހި ކުޅުންތެރިންނާއެކު ވާދަވެރި މެޗުތަކެއް ކުޅެފައިވާތީ، އެކަމުގެ ފައިދާ އެ ގައުމުތަކަށް ކޮންމެވެސް މިންވަރަކަށް ކުރާނެކަން ކޯޗު ފާހަގަކުރިއެވެ.

މުބާރާތުގައި ފުރަތަމަ މެޗުގައި ރާއްޖެއިން ވާދަކުރާނީ އިންޑިއާ އާ ދެކޮޅަށެވެ.

އިންޑިއާ އަކީ ފުޓުބޯޅައިގައި ވެސް ރާއްޖެއާ ވާދަވެރި ގައުމެއްކަން ފާހަގަކުރަމުން ކޯޗު އިތުރަށް ބުނީ، ވަޞީލަތްތައް ނެތޭ ބުނެ ފަރުޖައްސާ ނުލާނެ ކަމަށާއި، ތައްޔާރީތައް ވެފައިވާގޮތަށް ބަލާއިރު މުބާރާތުގައި ކާމިޔާބީ ހޯދޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"އިންޑިއާ އަކީ އަބަދުވެސް ފުޓުބޯޅައިގައި ވެސް ވަރުގަދަ ޓީމެއް. އަޅުގަނޑުމެން މީގަ ވިސްނަންޖެހޭ ކަމަކީ، ފެސިލިޓީޒް ނެތޭ ކިޔާފައި އެހެން ދޫކޮށްލެވޭކަށެއް ނެތް. އަޅުގަނޑުމެން ހަމަ މަސައްކަތްކުރާނަން އަޅުގަނޑުމެންގެ އެންމެ ބެސްޓް ދެއްކޭތޯ. ރަނގަޅު ކާމިޔާބީއެއް އިރާދަކުރެއްވިޔާ ހޯދާނަން" ކޯޗު އާތިފް ބުންޏެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.