ރާއްޖޭގެ މައި ވައިގެ ބަނދަރު ހުޅުވައި، ޚިދުމަތަށް ގެނެސްފައިވަނީ 1960ވަނަ އަހަރުއެވެ. އަލްމަރުޙޫމް މުޙައްމަދު ނަޢީމް ޙުސެއިން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތަށް ނިކުންނެވީ އޭގެ 7 އަހަރު ފަހުން، 1967ވަނަ އަހަރުއެވެ.
އެއަރޕޯޓް ވަޒީފާއަށް ނިކުމެވަޑައިގަތުމަށްފަހު، ނައީމް ރާއްޖެއިން ބޭރުގައި ފުރަތަމަވެސް ތަމްރީން ހޯއްދެވީ އެއަރ ޓްރެފިކް ކޮންޓްރޯލް ދާއިރާއިންނެވެ. އެއަށްފަހު ރަސްމީކޮށް އެއަރ ޓްރެފިކް ކޮންޓްރޯލްގެ ވަޒީފާއަށް ނިކުމެވަޑައިގަތީ 7 އޭޕްރިލް 1973ގައެވެ. ނައީމަކީ ރާއްޖޭގެ އެންމެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލަރެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ދެމުން އައިސްފައިވަނީ އޭރުގެ ޓަރމިނަލް އިމާރާތުގައެވެ. އެ ދުވަސްވަރު އެކަމަށް ޚާއްސަ ޓަވަރެއް ޤާއިމުކޮށްފައެއް ނެތެވެ. ބައިނަލްއަޤްވާމީ ދަތުރުތަކާއެކު، އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާވެ، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތަށް ޚާއްސަ އިމާރާތެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މިއީ އޭރުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރި ޓަވަރެވެ.
ނައީމް ރަސްމީ މަސައްކަތުން ރިޓަޔަރ ކުރެއްވިތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އާލާސް ކަންފުޅާ އުޅުއްވުމަށްފަހު ނައީމް ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެއަރ ޓްރެފިކް ޚިދުމަތަކީ އެއަރޕޯޓެއްގެ ޚިދުމަތުގައި އެންމެ މުހިންމު އަދި ޒިންމާ ބޮޑު އެއް ޚިދުމަތެކެވެ. ފްލައިޓްތައް އެއަރޕޯޓަށް ޖައްސާ ފުރުމުގައި އޭޓީސީން ފޯރުކޮށްދޭ މަޢުލޫމާތަކީ ޕަސެންޖަރުންގެ ރައްކާތެރިކަމުގެ އެންމެ މުހިންމު ޚިދުމަތެވެ. އަދި މިއީ އެހާމެ ޒިންމާ ބޮޑު ޚިދުމަތެކެވެ.
އެއަރ ޓްރެފިކްގެ ޚިދުމަތްތައް ފުޅާވެ، މޯލްޑިވެސް ނެޝަނަލް އެއަރ ޓްރފިކް ސަރވިސްގެ ގެ ގޮތުގައި ބަދަލު ގެނެސްފައިވަނީ 2023ވަނަ އަހަރުގެ ފަހުކޮޅެއެވެ. މީހާރު އެ ޚިދުމަތުގައި ހިމަނައިގެން މި ދާއިރާއަށް މީހުން ބިނާކުރުމުގެ ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.