ޚަބަރު

ނައިފަރުން 26 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފި


  • 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި

  • ނައިފަރަކީ ސަރުކާރުގެ އަރބަން ސެންޓަރު މަޝްރޫޢުގައި ހިމެނޭ ރަށެއް

ނައިފަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 26 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން ޖުމްލަ 44.8 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ޅ. ނައިފަރަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެއް ރަށެވެ. އެހެންނަމަވެސް ރަށުގެ ތަރައްޤީއަށް ބޭނުންވާ ބިން ނެތުމުގެ ކަންބޮޑުމާއެކު އެރަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، ޖުމްލަ 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ދަށުން މިވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި 26.65 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ.

ނައިފަރުގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއްލުމަށާއި 474 މީޓަރުގެ ގްރޮއިން ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. 1 އަހަރާއި 9 މަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިމަޝްރޫޢުގެ ދަށުން ބާކީ އޮތް 18 ހެކްޓަރުގެ ބިން ހިއްކާ ތާވަލާއެއްގޮތަށް ކުރިއަށްގެންދިޔުމަށް އެމްޓީސީސީންދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެކި ދުވަސްވަރުކޮށްފައިވެއެވެ.

ސަރުކާރުން 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރިއިރުވެސް އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އަރބަން ސެންޓަރ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށް އިތުރަށް ތަރައްޤީކޮށް އެއީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ނައިފަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އެސަރަޙައްދުގައި ބޯހިޔާވަހިކަމަށްޓަކައި ހައުސިންގ ޔުނިޓުތައް ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވެއެވެ. އާބާދީގައި 5800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ 55 ހެކްޓަރެވެ.