ޒަކާތު ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށްޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވާ އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މެންބަރުން އައްޔަންކުރައްވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ފާސްކޮށް، ތަސްދީޤުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 6ވަނަ ދުވަހުއެވެ. ޒަކާތުގެ ޤާނޫނުގެ ދަށުން އެ މަސައްކަތަށް ޚާއްސަ ކައުންސިލެއްވެސް ވަނީ އެކުލަވާލާފައެވެ. ކައުންސިލްގައި 9 މެންބަރުން ތިއްބަވައެވެ.
ޒަކާތު ޤާނޫނުގެ ދަށުން އެކުލަވާލި "ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ" އަކީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފައާއި އިރުޝާދު ދިނުމަށްޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެކެވެ.
މި ކޮމިޓީއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ކޮމިޓީއެކެވެ.
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލެވިގެންވަނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަންކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތަކަށް ވާންޖެހެއެވެ.
* ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ
* މެންބަރު: އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު
* މެންބަރު: އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް
* މެންބަރު: އަލްއުސްތާޛު އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
* މެންބަރު: އަލްއުސްތާޛު ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ
"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.