ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ފަށްޓަވައިދެއްވައިފިއެވެ.
ފިޔޯރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޭން ޕްރައިވެޓު ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެދަޅުގައި މަސް ބަންދުކުކުރެވޭ ކާރުޚާނާއަކާއި ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތް ކުރުމަށް މިދިޔަ އހަރުގެ އޭޕްރީލް މަހުގައި ވަނީ ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ. މިއީ ރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢުއާއެކު ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާޢިލާތަކަށް އުޖާލާ މުސްތަޤްބަލެއް ލިބުމާއެކު އިޤްތިޞާދީ ފުދުންތެރިކާމާއި ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.