ޚަބަރު

ކޭ.ޕާކް މައްސަލާގައި ބޮޑު ބަދަލެއް ދޭން ހުކުމެއް!


  • އެޕަރޓްމަންޓް ހަވާލުކުރުމަށް ވަނީ ހުކުމްކޮށްފަ

  • އަދި ގެއްލުމުގެ ބަދަލު ފައިސާއިން ބޮޑު ޢަދަދެއް ދޭން އެންގި

ކޭ.ޕާކް މައްސަލައިގައި ބަދަލު ހޯދުމަށް ކުރި ދަޢުވާއަކަށް ބޮޑު ބަދަލެއް ދޭން ކޯޓުން ހުކުމްކޮށްފިއެވެ.

ދައުވާކުރުމަށް ހުށައަޅާފަވަނީ އެޕަރޓްމަންޓް ގަތުމަށްޓަކައި 11 މާރިޗު 2019ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕަރޓްމަންޓް ނިންމުމަށްފަހު ދަޢުވާ ކުރާ ފަރާތާއި ހަވާލުކުރުމަށާއި އެޕަރޓްމަންޓް ލިބެން ނެތް ނަމަ އެ ތަން ގަތުމަށް ޚަރަދުކުރި 4،150،000 (ހަތަރު މިލިޔަން އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދުމަށާއި އެޕަރޓްމަންޓް ހަވާލު ނުކޮށް ހުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2019 ޖުލައި 29އިން ފެށިގެން ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން ދަޢުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށެވެ. އެއީ 1.9 މިލިޔަން ރުފިޔާއެވެ. ޖުމުލަ 6.1 މިލިޔަން ރުފިޔާ ހޯދުމަށް ވަނީ ދަޢުވާ ކޮށްފައެވެ. ދަޢުވާ ރައްދުވަނީ ކޭ.ޕާކް ފްލެޓްތައް އަޅާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށެވެ.

މައްސަލަ ނިންމާ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާ އެޕަރޓްމަންޓް ނިންމުމަށްފަހު 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާތިމަތި މޫސާ މަނިކުއާ އެ އެޕަރޓްމަންޓް ޙަވާލުކުރުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވަނީ އަމުރުކޮށްފައެވެ.

އަދި ގެއްލުމުގެ ބަދަލުގައި 1.9 މިލިޔަން ރުފިޔާ، އެޕްރީލް މަހުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށް ހަންބޯ ކުންފުންޏަށް ވަނީ އަންގާފައެވެ.

މީގެއިތުރުން އެޕަރޓްމަންޓް ހަވާލުކުރުމާ ހަމައަށް ކޮންމެ މަހަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 25،000 ރުފިޔާގެ މަގުން 4.1 މިލިޔަން ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

2016 ވަނަ އަހަރު ފެށި ކޭ.ޕާކް ރެސިޑެންސް ޕްރޮޖެކްޓްގެ 13 ފަންގިފިލާގެ އިމާރާތުގައި 110 ލަގްޒަރީ އެޕަރޓްމަންޓް ހިމެނެއެވެ. މި ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު ޙިއްސާދާރުން ވަނީ ޕްރޮޖެކްޓްގައި ހިމެނޭ މިންވަރަށްވުރެ އިތުރަށް، ޑަބަލްކޮށް އެޕަރޓްމަންޓްތައް ވިއްކާ އޮޅުވާލައިގެން ފައިސާ ހޯދާފައެވެ.

މި މައްސަލައިގައި ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު ޙަސަން މަމްދޫހުއަށް 393 އަހަރުގެ ޖަލު ހުކުމް ވަނީ އިއްވާފައެވެ. 94 ދަޢުވާއެއް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި ޖައިޝާން ސަޢީދުއަށް ވަނީ 159 އަހަރުގެ ހުކުމެއް ކޮށަފައެވެ.