ޚަބަރު

އިންޑިިއާގެ މުދަލުން އެމެރިކާއިން ނަގަމުން ދިޔަ ޓެރިފް ކުޑަކުރަނީ


އެމެރިކާއާއި އިންޑިއާއާ ދެމެދު ވިޔަފާރި އެއްބަސްވުމެއް އެކުލަވާލައި، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަމުން ދިޔަ މާސިންގާ ޓެރިފްތައް ކުޑަ ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގަންނަވާ ތަޢާރަފް ކުރެއްވި ޓެރިފްތަކުގެ ދަށުން އެ ޤައުމަށް އިންޑިއާއިން އެތެރެކުރާ މުދަލުން ދިޔައީ 25 އިންސައްތައިގެ ޓެރިފެއް ނަގަމުންނެވެ. އަދި އިންޑިއާއަކީ ރަޝިޔާއިން ތެޔޮ ގަންނަ ޤައުމަކަށް ވުމުން، ކުރިން ނަގަމުން ދިޔަ ޓެރިފްގެ އިތުރުން، 25 އިންސައްތައިގެ އިތުރު ޓެރިފެއް ނަގައި، އެމެރިކާއިން ދިޔައީ އިންޑިއާއިން އެތެރެކުރާ މުދަލުން ޖުމްލަ 50 އިންސައްތައިގެ ޓެރިފެއް ނަގަމުންނެވެ.

ނަމަވެސް ޓްރަމްޕް މިހާރު ވަނީ އިންޑިއާއާއެކު ވިޔަފާރި އެއްބަސްވުމެއް ޤާއިމްކޮށް، އެ ޤައުމުން އެތެރެކުރާ މުދަލުން ނަގަމުން ދިޔަ ޓެރިފް 50 އިންސައްތައިން 18 އިންސައްތައަށް ކުޑަކުރުމާސް ނިންމައިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށް ފަހު ޓްރަމްޕް ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ އިންޑިއާއިން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެ ޤައުމުން ދެން ތެޔޮ ގަންނާނީ އެމެރިކާއިންނެވެ. އަދި ވެނެޒުއެލާއިން ތެޔޮ ގަތުން ވެސް އެކަށީގެންވެއެވެ. އެއާއެކު، ރަޝިޔާއިން ތެޔޮ ގަންނަ ޤައުމުތަކުން ނަގާ 25 އިންސައްތައިގެ ޓެރިފް ދެން އިންޑިއާއިން އެތެރެކުރާ މުދަލުން ނުނަގާނެއެވެ.

ޓްރަމްޕް ވިދާޅުވި އިންޑިއާއިން 500 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަކަތައާއި ޓެކްނޮލޮޖީއާއި ދަނޑުވެރި ސާމާނު އެމެރިކާއިން ގަތުމުގެ އިތުރުން، އެއަށްވުރެ މަތީ ދަރަޖައެއްގައި އެމެރިކާގެ މުދާ ގަތުމަށް އިންޑިއާއިން އިސްކަންދޭނެ ކަމަށެވެ. އަދި އެމެރިކާއިން އެތެރެކުރާ މުދަކުން އިންޑިއާއިން ނަގާ ޓެރިފް އެއްކޮށް ކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއާއެކު އެމެރިކާއިން އިންޑިއާގެ އަތުން ކުރިން ނަގަމުން ދިޔަ 25 އިންސައްތައިގެ ޓެރިފް 18 އިންސައްތައަށް ކުޑަކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ އިޢުލާނުަގައި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކުރައްވައިފައެއް ނުވެއެވެ. ދަށް ރޭޓުގައި ޓެރިފް ނަގަން ފަށާނެ ތާރީޚު އަދި އިންޑިއާއިން ރަޝިޔާ އަތުން ތެޔޮ ގަތުން ހުއްޓައިލަންޖެހޭ އެންމެ ފަހު ތާރީޚު ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ.