މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ހުރިހާ އިދާރާއެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށާއި އެއަށް ރާއްޖޭގައި އޮތް ޑިމާންޑު ދަށް ކުރުމަށް މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ސްކޭންކުރާ ކަމަށެވެ. އަދި ކަނޑުމަގުން ގެންނަ ތަކެތި ސްކޭން ކުރުމަށް ކޮންޓެއިނަރ ސްކޭނަރެއް މިއަހަރު ގެނެވި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބަނގުރާ ހިމެނޭހެން 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއީ ކުރީގެ 3 ދައުރުގެ ތެރޭގައިވެސް ފުރަތަމަ ދެ އަހަރު ދުވަހު އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު 2 އަހަރު ކަމަށެވެ. އަދި މިއަހަރު އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ ދެ އަހަރަށް ބަލާލާނަމަ ދެ އަހަރު އެއްކޮށްލައިގެން ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި، އެއީ 1300 ކިލޯގެ މަސްތުވާތަކެތި އަޅުގަނޑުމެން ވަނީ އަތުލައިގެންފައި. އެއީ ރަލާއި ބިޔަރާ ހިމެނޭހެން 2.3 ބިލިޔަން ދިވެހި ރުފިޔާގެ މަގުމަތީގެ އަގުގެ މަސްތުވާތަކެތި. ޚިޔާލަށް ގެންނަވާ ފުލުހުންނަށް ކަސްޓަމްސްއާ ގުޅިގެން މި މަސައްކަތް ނުކުރެވުނު ނަމަހީ މިއަދަދަށް ފައިސާ މަސްތުވާތަކެއްޗަށް ދިވެހިން ހުންނާނީ ޚަރަދުކޮށްފައި. މިއަދަދަށް ދިވެހިން ވާނީ މަސްތުވާތަކެތި ކޮންސިއުމްކޮށްފައި. އެހެންވީމަ ދިވެހި ފުލުހުން ވަރަށް ބޮޑު ރައްކާތެރިކަމެއް މި ހޯދައިދިނީ،" ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި "އޮޕަރޭޝަން އަލިމަގު" އަކީވެސް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫގައި އެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް އޮޕަރޭޝަން ފުޅާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންދާ ކަމަށާއި މިއަހަރު މަސްތުވާތެކީގެ ފަރުވާ ޕްރައިވެޓް ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަމިއްލަ ފަރާތްތަކުން އެ ފަރުވާ ދޭ މަރުކަޒުތައް ހިންގާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއެއްގޮތަށް ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.