ކުޅިވަރު

ލަންކާގެ ސިޓީއެއް ޕާކިސްތާނަށް: އިންޑިޔާ މެޗު ކުޅެދީ!


ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާ ބޮއިކޮޓްކުރުން ބަދަލުކޮށް އެ މެޗު ކުޅެދިނުމަށް އެދި ސްރީލަންކާއިން ޕާކިސްތާނަށް ސިޓީއެއް ފޮނުވައިފި އެވެ.

ލަންކާ އަކީ މި މުބާރާތުގެ ކޯ ހޯސްޓެވެ. މުބާރާތް ބާއްވާ އަނެއް ގައުމަކީ އިންޑިޔާ އެވެ. މި ދެ ގައުމު ކުޅިގެން މާދަމާއިން ފެށިގެން 40 ދުވަހަށް ދެމިގެންދާ މުބާރާތުގައި އިންޑިޔާ އާއި ޕާކިސްތާން ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އެ މެޗު ނުކުޅެން ޕާކިސްތާނުން ނިންމީ ބަނގްލަދޭޝް މުބާރާތުން ވަކިކުރުމުގެ އަޑީގައި އިންޑިޔާ އޮތް ކަމަށް ބުނެ އެވެ. އަދި ބަނގްލަދޭޝްގެ މެޗުތައް ލަންކާ އަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަން ނުކުރުމަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން އެއް ކަމެއްގައި ދެ ގައުމަކާ މެދު ތަފާތު ކުރުން ކަމަށް ބުނެ އެވެ. އިންޑިޔާއިން މި ބުނަނީ 2024 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ޗެމްޕިއަންސް ޓްރޮފީގައި އިންޑިޔާ ކުޅެން ޖެހުނު މެޗުތައް ޑުބާއީ އަށް ބަދަލުކޮށްދީފައިވާތީ އެކަމަށެވެ.

އިންޑިޔާ މެޗު ކުޅެދިނުމަށް އެދި ލަންކާއިން މިހާރު ވަނީ ރަސްމީކޮށް ޕާކިސްތާނަށް ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކްރިކެޓްގެ ގަދަ ދެ ބާރުގެ މެޗެއް ނުކުޅުމަކީ އޭގެ ސަބަބުން މާލީ ގޮތުން ގިނަ ގެއްލުންތަކެއް ލިބިގެންދާ ކަމެއް ކަމަށެވެ. މިހެންވެ ލަންކާގައި އިންޑިޔާ އާއި ޕާކިސްތާނު ކުޅެން ޖެހޭ މެޗު ކުޅެވޭނެ ގޮތްތަކަށް މަޝްވަރާ ކޮށްދިނުމަށެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ނިންމާފައިވާ މި ނިންމުން ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް މިހާތަނަށް އެ ގައުމުން ނުގެންގުޅެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަޝްވަރާތަކަށް ޕާކިސްތާނު އެއްބަސްވެއްޖެނަމަ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ވެސް ތިބީ ބައިވެރިވާ ގޮތަށެވެ. އަދި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް އައިސީސީގެ ޑެޕިއުޓީ ޗެއާމަން ސިންގަޕޫރުގެ އިމްރާން ޚަވަޖާ ވަނީ ހަމަޖައްސައިފަ އެވެ.

ޕާކިސްތާނުން ފުރަތަމަ ވިސްނީ މި މުބާރާތް ބޮއިކޮޓް ކުރާށެވެ. ފަހުން ނިންމީ އިންޑިޔާ އަށް ޖެއްސުން ކުރެވޭގޮތަކީ އެ ގައުމާ ދެކޮޅަށް ނުކުޅުން ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. މި ގޮތަށް ހަދައިފިނަމަ ޕާކިސްތާނަށް ގްރޫޕް ސްޓޭޖުގެ ދެ ޕޮއިންޓް ގެއްލޭނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ. މި ޓީމުތަކަށް ބަލާއިރު އިންޑިޔާ މެޗު ދޫކޮށްލާފައި ވެސް ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ހުރަސްއެޅޭ ވަރުގެ ގަދަ ޓީމެއް ނެތެވެ.