ޚަބަރު

"އެއާ ކޯގެ ޚިދުމަތާއެކު ޤަވައިދާ ހިލާފަށް ރާއްޖެ ވަންނަ އުޅަނދު މަދުވެއްޖެ"


  • އެމްއެންޑީއެފްގެ އެއާ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި

  • ފުރަތަމަ އެއާ ކޯރ ހުޅުވީ އައްޑޫ ސިޓީ ގަމުގައި

ރައީސުލްޖުމްހޫރިއްޔާ ތައާރަފްކުރެއްވި އެއާ ކޯގެ ޚިދުމަތާއިއެކު ޤަވައިދާ ހިލާފަށް ރާއްޖެއަށް ވަންނަ އުޅަނދުތައް މަދުވެފައިވާކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން " ގަން އެއަރ ސްޓޭޝަން" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވީ މިދިޔަ ނޮވެމްބަރ މަހުގެ 5ވަނަ ދުވަހުއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، އެއަރ ކޯގެ ޚިދުމަތާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންގޮސްފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއަށް ޤަވައިދާ ހިލާފަށް ވަންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޯސްޓްކާޑް މެދުވެރިކޮށް އިންޓަސެޕްޓްކޮށްގެން މި ހިފާ ޤާނޫނާއި ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް ހިފުމުގެ ހުރިހައި އޮޕަރޭޝަންއެއްގައިވެސް ވައިގެ ސަރވޭލަންސް ލިބިފައިވޭ. މިކަން ރާއްޖޭގައި ފައްޓައިފިކަން ދުނިޔެއަށް އިނގިގެންދިއުމުން އަޅުގަނޑުމެންނަށް ފެންނަ ޓްރެންޑަކީ ގާނޫނާއި ގަވައިދާ ހިލާފަށް އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް މަދުވަމުންދާކަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާ ސިޔާސަތުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ އުތުރުގައާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމްކުރުމަށްކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އައްޑޫ އަތޮޅު ގަމުގައި ތާރީހުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އެއަރ ސްޓޭޝަންއެއް ޤާއިމްކުރެވިފައިވާކަމަށެވެ. އެތަނުން އޮޕަރޭޝަންތައް މިހާރު ކޮންމެ ދުވަހަކުހެން ހިންގަމުންދާކަމަށެވެ. މި ތަނުން ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކާއި ހަމައަށް 200 ނޯޓިކަލް މޭލު ބޭރާއި ހަމައަށް އުޅަނދުފަހަރު ބޭނުންކޮށްގެން ސަވޭލަންސް މަސައްކަތް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އުތުރުގައި ޤާއިމުކުރާ އެއާ ސްޓޭޝަންގެ މަސައްކަތް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އުތުރުގައި އަޅާ އެއާ ސްޓޭޝަން ގާއިމުކުރަނީ ށ. އަތޮޅު ފުނަދޫގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ޚިދުމަތް ފެށުމަށް ރައީސްގެ ޤަރާރުގައި ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށްވެސް އަމުރުކޮށްފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށްވެސް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.