ކުޅިވަރު

މެޗު ކުޅޭނެތޯ ބަލަން އައިސީސީން ޕާކިސްތާނާ މަޝްވަރާ ކޮށްފި


އިންޑިޔާއާ ދެކޮޅަށް ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާން ކުޅޭ މެޗު ބޮއިކޮޓް ކުރުމުން އެ ގައުމާއެކު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގެންނެވީ އައިސީސީގެ ޑެޕިއުޓީ ޗެއާމަން އިމްރާން ޚަވަޖާ އެވެ. ޕާކިސްތާނުގެ ގައްދާފީ ސްޓޭޑިއަމުގައި ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ކްރިކެޓް ބޯޑުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ކުޑަވަގުތު ކޮޅަކަށް ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރައީސް އަމީނުލް އިސްލާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ބަނގްލަދޭޝް ބައިވެރިކުރީ ޕާކިސްތާން މެޗު ބޮއިކޮޓް ކުރީ މުބާރާތުން ބަނގްލަދޭޝް ވަކިކުރުމާ ގުޅިގެން ކަމަށްވާތީ އެވެ. އިންޑިޔާ އާއި ލަންކާގައި ކުރިއަށްދާ މުބާރާތުން ބަނގްލަދޭޝް ވަކިކޮށް އެ ޖާގަ ސްކޮޓްލޭންޑަށް ދިނީ އިންޑިޔާގައި ކުޅެންޖެހޭ އެ ގައުމުގެ މެޗުތައް ލަންކާ އަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަމަށް އައިސީސީން ދެކޮޅު ހެދުމަށްފަހު އެވެ.

މިމަޝްވަރާތަކުގައި އައިސީސީން އެންމެ ބޮޑަށް އެދުނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިޔާ އާއި ޕާކިސްތާން ކުޅެން ހަމަޖެހިފައިވާ މެޗު ބޮއިކޮޓް ކުރުމުގެ ބަދަލުގައި މެޗު ކުޅެދިނުމަށެވެ. ޕާކިސްތާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާ ތަކަށް ފަހު ޕާކިސްތާނުން މިކަމާމެދު ގޮތެއް ނިންމާނީ އަނެއްކާ ވެސް އެ ގައުމުގެ ސަރުކާރުން ކަމަށެވެ.

މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.