ހުޅުމާލޭގައި ޤާއިމްކުރި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ހުޅުމާލޭގައި ދުވާލަކު 10،000ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭގެ ތެރެއިން މިދިޔަ އހަރު ވަނީ 5000 ޓަނުގެ ފެން އުފައްދާ އެއް ޕްލާންޓްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށާފައެވެ. އަދި މިހާރު މިވަނީ 5000 ޓަނުގެ ފެން އުފައްދާ އަނެއް ޕްލާންޓްވެސް ބޭނުން ކުރަން ފަށާފައެވެ. މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީންދަނީ ކުރަމުންނެވެ.
ހުޅުމާލޭގައި ބޭނުން ކުރަން ފެށި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓު ބޭނުން ކުރަން ފެށުމާއެކު މާލެއާއި ހުޅުމާލެގެ ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހަރުދަނާވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ. އަދި ރަމަޟާން މަހަކީ ފެނުގެ ޑިމާންޑް ބޮޑު މައްސަރަކަށްވުމުން އެ ޕްލާންޓާއެކު ޑިމާންޑާ އެއްވަރަށް ފެންފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރެވޭ މަސައްކަތަކީ ފެނުގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްކަމަށެވެ. މަތީން ވިދާޅުވީ މާލެ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި މާލެ ސަރަަހައްދުގެ ފެނުގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި 300 މިލިޔަން ރުފިޔާ ހަމަޖައްސަވާދެއްވިކަމަށެވެ. އެއާއެކު މިދިޔަ އަހަރު 10000 ޓަނުގެފެން އުފައްދޭ ތާނގީގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ.
މަތީން ވިދާޅުވީ މިދިޔަ އަހަރު އިތުރު 10000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓުގެ މަސައްކަތް ފެށިކަމަށެވެ. އޭގެ ތެރެއިން އެއް ޕްލާންޓް މިދިޔަ އަހަރު ބޭނުން ކުރަން ފެށިއިރު އަނެއް 5000 ޓަނުގެ ޕްލާންޓް މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށް މަޠީން ވިދާޅުވިއެވެ.
"އަދިވެސް އެބަހުރި މަސައްކަތްތައް ކުރަން. މާލެއާ ހުޅުމާލެއާ ދޭތެރޭގައި އަޅާފައި އޮތް ހޮޅިވެސް ބޭނުން ކުރަން ވަނީ ފަށާފައި. މިހާރު އެ ހޮޅި މޭދުވެރިކޮށް މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ފެން އުފުލޭނެ. އެއީ ވަރަށް ބޮޑު ރައްކާތެރިކަމެއް." މްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބޭނެ ޕްލާންޓްތަކެކެވެ. މަޠީން ވިދާޅުވީ އެ މަސައްކަތް ނިންމުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނަގާނެކަމަށެވެ. އެގޮތުން އެ ތާނގިތައް ބަހައްޓަނީ ކުރީގެ ކުނިކޮށީގައި ކަމަށްވުމުން ބިންގަނޑު ވަރަށް ރަނގަޅަށް ތައްޔާރުކުރަން ޖެހޭކަމަށެވެ. އެކަން ކުރުމަށް މައިކްރޯ ޕައިލްސް ބޭނުންކޮށްގެން މަސައްކަތް ފަށާފައިވާކަމަށެވެ.
މަޠީން ވިދާޅުވީ މި ތާނގީގެ މަސައްކަތް ނިމުމުން މިހާރު މާލޭގައި ހުރި އިތުރު ތާނގިތައް އާބަތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ހުޅުމާލެއަށް އިތުރުވާ އާބަދީއާ އެއްވަރަށް ފެން ފޯރުކށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.