ކުޅިވަރު

އިންޑިޔާ އާއި ޕާކިސްތާން: ދެ ޓީމަށް ވެސް ބަދަލުތަކެއް


ޓުވެންޓ20 ކްރިކެޓް މުބާރާތުގައި މިއަދު އިންޑިޔާ އާއި ޕާކިސްތާން ބައްދަލު ކުރާއިރު ދެ ޓީމަށް ވެސް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

އިންޑިޔާ ޓީމުން މި މެޗުގައި ކުޅުވާނެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އޯޕަނިން ބެޓްސްމަން އަބީޝެކް ޝަރުމާ އެވެ. އޭނާ އަކީ ބަނޑަށް ތަދުވުމުގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުކުޅެވުނު ކުޅުންތެރިއެކެވެ. ނެމީބިއާއާ ދެކޮޅަށް ނުކުޅެވުނަސް އެ މެޗުގައި ވިކެޓް ކީޕަރުކަން ކުރި ސަންޖޫ ސެމްސަންގެ ޖާގަ ފުރާނީ ވެސް އަބީޝެކެވެ.

ޕާކިސްތާން ޓީމުން ދެ ބަދަލެއް ފެނިގެންދާނެ އެވެ. މި ގޮތުން ވިކެޓް ކީޕަރު އަދި ބެޓްސްމަން އުސްމާން ހާން މި މެޗުގައި އިންނާނީ ބެންޗުގަ އެވެ. އޭނާގެ ބަދަލުގައި ކުޅެން ނެރޭނީ ޒުވާން ޚަވަޖާ ނާފީ އެވެ. އުސްމާނަށް ފުރުސަތު ނުދޭ ކޯޗު ނިންމީ އޭނާ އަށް ޕާކިސްތާން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުމުންނެވެ.

މީގެ އިތުރުން މުހައްމަދު ނަވާޒްގެ ބަދަލުގައި ފުރުސަތު ދޭނީ ފަހްރުއްޒަމާނަށެވެ. ވާތުން ކުޅޭ ފަހުރުއްޒަމާން މިވަގުތު ރަނގަޅު ފޯމެއްގައި ހުރިއިރު ޓުވެންޓީ20ގައި ޕާކިސްތާން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ވެސް ނުދެއްކެ އެވެ. ނަމަވެސް ކޯޗު އިންޑިޔާއާ ދެކޮޅަށް އޭނާ ލައްވައި ކުޅުވަން ގަސްތު ކުރީ އޭނާގެ ތަޖުރިބާއިން މި މެޗަށް ފައިދާއެއް ކޮށްފާނެ ކަމަށް ބަލައިފަ އެވެ.

ޓުވެންޓީ20 ކްރިކެޓްގައި އިންޑިޔާ އާއި ޕާކިސްތާން ވަނީ މިހާތަނަށް އަށް ފަހަރު ބައްދަލު ކޮށްފަ އެވެ. މީގެ ތެރެއިން ހަތް މެޗުން މޮޅުވީ އިންޑިޔާ އެވެ. މިއަދު ލަންކާގައި ކުޅޭ މި މެޗަކީ ކުރިން ޕާކިސްތާން ބޮއިކޮޓް ކުރި މެޗެކެވެ. ނަމަވެސް ފަހުން މެޗު ކުޅެން ނިންމީ އެވެ. އެއީ މުބާރާތުގެ އޮގަނައިޒަރުންނާއި ބަނގްލަދޭޝް އާއި އައިސީސީގެ އިސްވެރިން ޕާކިސްތާން ވަޑައިގެން މަޝްވަރާ ކުރެއްވުމުގެ އިތުރަށް ސްރީލަންކާގެ ރައީސް ޕާކިސްތާނުގެ ބޮޑު ވަޒީރަށް ފޯނު ކުރެއްވުމުންނެވެ.