ރަމަޟާން މަހު މާލޭގެ ޓްރެފިކް ބަލަހައްޓާނީ ބާރު ބޮޑުވާ 5 ސަރަޙައްދަކަށް އިސްކަންދީގެން ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އިދާރާގެ ޓްރެފިކް އޮޕަރޭޝަންސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަޙްމަދު ވިދާޅުވީ، މިގޮތަށް ހަމަޖައްސާފައިވަނީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ޓްރެފިކް ބެލެހެއްޓުމަށް ކަނޑައެޅި ފަސް ސަރަޙައްދަކީ ބާޒާރު ސަރަޙައްދާއި، ސްކޫލުތަކާއި މިސްކިތްތައް ހިމެނޭ ސަރަޙައްދުގެ އިތުރުން ބާރު ބޮޑުވާ ބޮޑު މަގުތަކާއި، ބްރިޖާއި ހައިވޭއެވެ. މީގެ އިތުރުން، މަގު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބްރިޖާއި ހައިވޭގެ ޓްރެފިކް ފްލޯ ރަނގަޅު ކުރުމަށްޓަކައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކުން މޫންލައިޓް ހިނގުން ބޭނުންކުރުމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަޙްމަދު ވަނީ އިރުޝާދު ދެއްވާފައެވެ.
"އެ ސަރަޙައްދުގެ ޓްރެފިކް ލައިޓް ގިނަ ވަގުތު ދިއްލިފައި ހުންނާނެ ގޮތަށް ވަނީ އިންތިޒާމުކޮށްފައި. އަދި ބައެއް ސަރަޙައްދުތަކުގައި ޑިވައިޑަރުތައް ޖަހައިގެން ޓްރެފިކް ޑައިވާޓް ކުރުމަށްވެސް ވަނީ ނިންމާފައި" ޠަލްހަތު ވިދާޅުވިއެވެ.
މިސްކިތްތަކުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން 12 މިސްކިތެއް ފާހަގަ ކުރުމަށްފަހު، އެ މިސްކިތްތަކުގެ ކައިރީގައިވާ މަގުތައް ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ބަންދުކުރާނެ ކަމަށްވެސް ޠަލްހަތު ވިދާޅުވިއެވެ.
"ޚާއްޞަކޮށް އަމީނީމަގާއި މަޖީދީ މަގުގައި ހުންނަ މިސްކިތްތަކަށް ދާ ފަރާތްތަކުން އުޅަނދު ޕާކު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަކީ ވަރަށް ބޮޑު އެދުމެއް" ޠަލްހަތު ވިދާޅުވިއެވެ.
މާލޭގެ ބާރުބޮޑުވާ ސަރަޙައްދުތަކުގައި ފުލުހުން އަބަދުވެސް ހަރަކާތްތެރިވަމުންދާނެ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ޚާއްޞަ ގަޑިތަކަށް އުޅަނދު ދުއްވާ ފަރާތްތަކުން އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ، ހަ ރޯދަ ނިމެންދެން ގްރޭޓަރ މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި، މުދާ އުފުލުން މަނާ ގަޑިތައް ޢާންމުކޮށްފައެވެ.
އެގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލު މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލާ އުޅަނދުތައް ދަތުރު ކުރެވޭނީ، ހެނދުނު 8:00 އިން 9:30 އަށެވެ. އަދި 16:30 އިން 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.
ރަމަޟާން މަހު މަގުމަތީގެ ހާދިސާތައް ވީހާވެސް މަދުކުރުމަށް ފުލުހުން މަސައްކަތް ކުރާނެކަމަށާއި، އެކަމުގައި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.