ބައެއް ގްރޫޕްތަކުގެ ލޭ ލިބުމުގެ ދަތިކަން އަދިވެސް އޮޮތުމާއި ގުޅިގެން މި ރަމަޟާން މަހުވެސް ލޭ ހަދިޔާ ކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އިލްތިމާސްކޮށްފިއެވެ.
ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރަން ގޮވާލުމާއެކު ދާދިފަހުން އެކި މުއައްސަސާތަކުން ވަނީ ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕްތަކެއް ބާއްވާފައެވެ. މޯލްޑިވްސް ބަލަޑް ސަރވިސަސްއިން ވިދާޅުވީ އެހަރަކާތްތަކާއެކުވެސް އަދިވެސް ބައެއް ގްރޫޕް ތަކުގެ ލޭ ހުރި މިންވަރު މަދުކަމަށެވެ. އެގޮތުން މިހާރުވެސް ބީ- ނެގަޓިވް، އޭ- ނެގަޓިވް އަދި އޭބީ ނެގެޓިވް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވާކަމަށެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލް އަހްމީމް ފާރިޝް ވިދާޅުވީ ނިމިދިޔަ ޖަނަވަރީ މަހު ލޭގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން އެމްބީއެސްއިން އާއްމުންގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް އެދުނިކަމަށާއި އެއާއެކު އެކި މުއައްސަސާތަކާއި ކުންފުނިތަކުން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ކުރިޔަށް ގެންދިޔަކަމަށެވެ. ފެބްރުއަރީ 1 އިން 17އާ ހަމައަށް 19 ބްލަޑް ކޭމްޕް ކުރިޔަށް ގެނގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހަރަކާތްތަކުގެ ސަބަބުން ލޭ ލިބުމުގެ ދަތިކަމަށް ލުއިތަކެއް ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.
ބްލަޑް ކޭމްޕްތަކުގެ އަދަދު ގިނަ ނަމަވެސް އެކޭމްޕްތަކުގައި ބާއިވެރިވާ ފަރާތްތަކުގެ އަދަދު މަދުކަމަށާއި އަބަދުވެސް ލިބުން ދަތި ގްރޫޕްތަކުގެ ލޭ މަދުވުމާއެކު، ކުއްލިއަކަށް ލޭ ބޭނުންވާ ހާލަތްތަކުގައި އިތުރު ދަތިތަކެއް ކުރިމަތިވެދާނެކަމަށް ފާރިޝް ވިދާޅުވިއެވެ.
"ރޯދަމަސް ތެރޭ ދަތިވާނެ. ދުވާލު ރޯދަ ހުރުމާއެކު، ރޭގަނޑު އަޅުކަމުގައި އަވަދިނެތި އުޅުމުގެ ސަބަބުން ލޭ ހަދިޔާ ކުރާނެ ފަރާތް މަދުވުމުގެ ސަބަބުން ދަތިވާކަމަށް ފާހަގަކުރެވެނީ. އެހެންކަމުން ރޯދަ މަހު ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވަނީ." ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ބްލަޑް ސާވިސިސްގެ ޑިރެކްޓަރ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވިއެވެ.
ރަމަޟާން މަސްތެރޭ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެމްބީއެސް އަދި އައިޖީއެމްއެޗްއަށް ހެނދުނު 09:00 އާއި 11:30އާ ދެމެދު އަދި ރޭގަނޑު 20:00އިން ދަންވަރު 01:00ގެ ދެމެދު ލޭ ހަދިޔާ ކުރެވޭނެކަމުގައި ފާރިޝް ވިދާޅުވިއެވެ. ހަމައެއާއެކު، ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން އެމްބީއެސްގެ ލެބް ހޮޓްލައިން، 9890991 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެމްބީއެސްއިން އިލްތިމާސް ކުރެއްވިއެވެ. ތެލްސީމިއާ ޕޭޝަނުންޓުންނަށް ލޭ ހަދިޔާ ކުރާނަމަ، އެކަން ލޭ ހަދިޔާ ކުރާ މަރުކަޒުގައި ތިއްބަވާ މުވައްޒަފުންނަށް އަންގާލުންމަށްވެސް އެސަރވިސަސްއިން ވަނީ އެދިފައެވެ.
ލޭ ހަދިޔާ ކުރުމުގެ ކަންކަން ވީހާވެސް ފަސޭހަކަމާއެކު ކުރިއަށްގެންދިޔުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް މޯލްޑިވްސް ބަލަޑް ސަރވިސަސްއިން ދަނީ ކުރަމުންނެވެ.