ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ތަފާތު 45 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. އެ ބައްދަލުވުމުގެ ބައިވެރިވެރިންނާ މުޚާތަބު ކުރައްވާ ޓްރަމްޕް ވާހަކަ ދައްކަވާއިރު، ޣައްޒާ އަލުން ބިނާކުރަން ޤާއިމުކުރާ ފަންޑަށް ބޯޑުގައި ބައިވެރިވި ޤައުމުތަކުން ފަސް ބިލިއަން އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށް އިޢުލާނުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އެ ބޯޑުން އަދާކުރާނެ ދަޢުރާމެދު ހުރި ގިނަ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބޭކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އޭގެތެރޭގައި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިތުރުކުރުމާއި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމާމެދު އުފެދިފައިވާ ސުވާލުތައް ހިމެނެއެވެ.
މި ބޯޑުގެ އެކުލަވާލުމުގައި ވެސް ޓްރަމްޕް ގެންގުޅުއްވާފައިވާ ވިސްނުންފުޅާމެދު ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މިގޮތުން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތް މި ބޯޑުގައި ބައިވެރިކޮށްފައިވާއިރު، ފަލަސްޠީން ތަމްޞީލް ކުރާނެ މަންދޫބަކު ނުހިމެނުމަކީ ކަންބޮޑުވުމެކެވެ.
އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ، ބަޙްރެއިން، އުރުދުން، ޔޫއޭއީ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ވަނީ ފަސްޖެހިފައެވެ.
ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެ ބޯޑުގައި ބައިވެރިވާން އެއްބަސްވެފައިވަނީ، ހަންގޭރީ، ބަލްގޭރިޔާ، ކޮސޯވޯ އަދި އެލްބޭނިއާ އިންނެވެ. އިޓަލީވިލާތާއި، ސައިޕްރަސް، ގްރީސް އަދި ރޮމޭނިޔާއިން ބޯޑު މެމްބަރުންގެ ގޮތުގައި ބައިވެރިނުވިނަމަވެސް، އެ ބައްދަލުވުމުގައި އޮބްޒަރވަރުންގެ ގޮތުގައި ބައިވެރިވާނެކަމަށް ބުނެފައެވެ. އޭޝިއާއަށް ބަލާއިރު، އެ ބޯޑާ ގުޅިފައިވަނީ އިންޑޮނީޝިއާ، ޕާކިސްތާން، ކަޒަކްސްޓާން އަދި އުޒްބެކިސްތާނުންނެވެ.
އެމެރިކާގެ ވޮޝިންގްޓަން ޕީސް އިންސްޓިޓިއުޓްގައި ބާއްވާ މި ބައްދަލުވުމުގައި ޣައްޒާގެ ސުލްޙަ ބަލަހައްޓަން އެކުލަވާލައި ބައިނަލްއަޤުވާމީ ފައުޖާ ގުޅޭ އިތުރު މަޢުލޫމާތުވެސް ޓްރަމްޕް އިޢުލާނުކުރައްވާނެކަމަށް ބެލެވެއެވެ. މިގޮތުން، މި ފައުޖުގައި އެކި ޤައުމުތަކުން އެތަކެއް ހާސް ސިފައިން ބައިވެރިކުރަން އެއްބަސްވެފައިވާކަމަށް ޓްރަމްޕް ހާމަކުރެއްވުމަށް ހަމަޖެހިފައިވެއެވެ.