ކުރިއަށް އޮތް ބާސެލޯނާގެ އާއްމު އިންތިހާބުގައި އެ ކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑް ލަޔޮނަލް މެސީ ވޯޓު ނުލާން ނިންމައިފި އެވެ.
މެސީ މި ގޮތަށް ނިންމީ ބައެއް ކެނޑިޑޭޓުން އޭނާއާ ގުޅުވައިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕޭން ފަށާފައިވަނިކޮށެވެ. މިހެންވެ މެސީގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި ވެސް ބައިވެރިނުވާނެ ކަމަށާއި އަދި ވޯޓު ވެސް ނުލާނެ ކަމަށެވެ.
"އިންތިހާބު އޮންނަ ދުވަސްވަރަކީ އަހަރެންގެ ޓީމުގެ ވަރަށް މުހިންމު ދުވަސްކޮޅެއް. މިހެންވީމާ އަހަރެން ނިންމާފައިވާނީ އިންތިހާބުގައި ވޯޓު ނުލާނަން. އަހަރެން ނިންމީ އިންތިހާބާ ދުރުގައި ހުންނަން. ކޮންމެ މީހަކު ހޮވުނަސް އަހަރެންގެ މައްސަލައެއް ނެތް،" ބާސެލޯނާގެ ތާރީހުގައި އެ ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ބުންޏެވެ.
އަންނަ މަހުގެ 18ގައި އޮންނަ އިންތިހާބުގައި ހަތަރު ކެނޑިޑޭޓުން ވާދަ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތެރެއިން އެއް ކެނޑިޑޭޓަކީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާނީ އެންމެ ފަހުގެ އިންތިހާބުގައި ވެސް ދެ ވަނަ ހޯދި ވިޔަފާރި ވެރިޔާ ވިކްޓަރ ފޮންޓެވެ. އަނެއް ދެ ކެނޑިޑޭޓުންގެ ތެރެއިން މާކް ސިރިއާ މިހާރު ވަނީ މެސީގެ ފޮޓީ ޖެހި ބޮޑު ޕޯސްޓަރެއް އޭނާގެ ކެމްޕޭނުގައި ބޭނުން ކުރަން ފަށައިފަ އެވެ. އަދި ފޮންޓް ވަނީ ކުރިއަށް އޮތް ހަފުތާގައި އޭނާގެ ރައީސް ކަމުގައި މެސީ އެނބުރި ބާސެލޯނާ އަށް ގެނައުމަށް ރާވާފައިވާ ޕްލޭން އާއްމު ކުރާނެ ކަމަށް ބުނެފަ އެވެ.
ގިނަ ކެނޑިޑޭޓުން މެސީގެ ވާހަކަ ދައްކާ މައިގަނޑު ސަބަބަކީ ލަޕޯޓާއާ ދެކޮޅަށް ވޯޓު ހޯދުމެވެ. އެއީ 2021 ވަނަ އަހަރު ލަޕޯޓާ ރައީސް ކަމަށް ވަޑައިގަތީ މެސީ ކުލަބުގައި ބަހައްޓަން ވައުދުވެގެން ކަމަށްވާއިރު އެކަން ނުކުރެވި މެސީ ކުލަބު ދޫކޮށްލަން ޖެހުމުންނެވެ. މިއާއެކު މެސީ އާއި ލަޕޯޓާގެ ގުޅުން ވެސް ގޯސްވި އެވެ. ނަމަވެސް ފަހުން ލަޕޯޓާ ބުނީ އެ ގުޅުން މަޑުމަޑުން ރަނގަޅުވި ކަމަށެވެ. އަދި އޭނާ ނިންމައިގެން ހުރީ ދެ ވަނަ ދައުރަކަށް ހޮވިއްޖެނަމަ މެސީ އަށް ހާއްސަ މެޗެއް ރާވައިދީ އޭނާގެ ރިޓަޔާމަންޓް ބާސެލޯނާގައި ފާހަގަ ކުރުމަށެވެ.