އިނގިރޭސީން އަތުން ހަނިކޮތަކަށް ބަލިވުމުގެ އަސްލަކީ ބެޓިން ޕާޓްނާޝިޕް ރަނގަޅު ނުވުން ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ ބުނީ ޕާކިސްތާން ފުރަތަމަ ބެޓް ކުރަން ނިންމީ ވެސް ރަނގަޅު އަދަދަކުން އިނިންގްސް ނިންމާލަން ކަމަށެވެ. ނަމަވެސް އެންމެ ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ހެދުނީ އެންމެ 164 ލަނޑެވެ. މިއާ ހިލާފަށް އިނގިރޭސިން ފަހު އޯވަރުގައި ބާކީ ފަސް ބޯޅަ އޮއްވައި މެޗުން ކާމިޔާބު ކުރީ 166 ލަނޑު ހަދައިގެންނެވެ.
"އަހަރުމެންނަށް ބެޓިންގައި ރަނގަޅު ޕާޓްނަރޝިޕެއް ނުއުފެއްދުނު. އެއީ ބަލިވުމުގެ ސަބަބަކީ. ބަލާ އިނގިރޭސީންނަށް އެމީހުންގެ ހެރީ ބްރޫކް ނުބައިވީ މެޗުގެ ބޮޑުބައިގައި ކުޅެ 100 ލަނޑު ހަދާފައި. އޭނާ ދިޔައީ މަޑުމަޑުން ޕާޓްނަރޝިޕް ހަދަމުން. އެކަމަކު އަހަރުމެންނަށް އެފަދަ ޕާޓްނަރޝިޕެއް ނުއުފެއްދުނު. މިފަދަ މެޗެއް ކާމިޔާބު ކުރާނަމަ މިޑްލް އޯޑަރާ ހަމައަށް ރަނގަޅު ޕާޓްނަޝިޕެއް ހަދަންވާނެ،" އަފްރީދީ ބުންޏެވެ.
އޭނާ ބުނީ އުކުންތެރިންގެ ނިންމާ އަކީ އަވަހަށް ވިކެޓް ނެގުން ކަމަށާއި މި ގޮތުން އޭނާގެ ވާޖިބު އަދާ ކުރެވުނު ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އަހަރެން އަވަހަށް ވިކެޓް ނެގިން. އެއީ މެޗުން މޮޅުވާން އަހަރުމެން ކުރަން ޖެހިފައި އޮތް ކަމެއް. އެކަމަކު އެކަން ކޮށްގެން އެކަނި އެކަނި ނުފުދޭނެ. އަހަރުމެންނަށް ބެޓިން ރަނގަޅު ޕާޓްނަޝިޕްތަކެއް އުފެއްދުނުނަމަ ސްކޯ 180އާ ހިސާބަސް ގެންދެވުނީސް،" ޝާހީން ބުންޏެވެ.
ގަދަ އަށެއްގައި ސެމީ ފައިނަލަށް ދިއުމަށް ޕާކިސްތާނަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. އެ ގައުމަށް ބާކީ އޮތީ ނިއުޒީލޭންޑް މެޗެވެ. މި މުބާރާތުގައި ނިއުޒީލޭންޑާއި ޕާކިސްތާން ކުޅެން މެޗު އެއްވަރުވީ ކަމަށް ނިންމީ ވާރޭވެހި މެޗު ކުޅެވޭ ގޮތް ނުވުމުންނެވެ.
މުބާރާތުގް ގްރޫޕް ބީން ސެމީ ފައިނަލަށް ދިއުމަށް މިހާރު ވާން ކުރަނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ލަންކާ އާއި ނިއުޒީލޭންޑާއި ޕާކިސްތާނެވެ. މީގެ ތެރެއިން ލަންކާ ފިޔަވައި އަނެއް ދެ ގައުމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ލަންކާ ވަނީ އިނގިރޭސިން އަތުން ފުރަތަމަ މެޗުގައި ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ.