ޚަބަރު

މާޒިޔާއަށް ތަށި އުފުލާލުމުގެ ޝަރަފު ހޯދައިނުދެވުނީތީ މާފަށް އެދެން: ހެނާންޑޭޒް


  • މިއީ ޖެހިޖެހިގެން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ކުޅުނު ތިންވަނަ ފަހަރު

  • މިއަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޮޑި ސްޕޯޓް ކުލަބުން

  • މާޒިޔާއަށް ނާކާމިޔާބުވީ ޕެންލްޓީގައި 4-5 ން ބަލިވުމުން

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ތަށި އުފުލާލުމުގެ ޝަރަފު މާޒިޔާއަށް ހޯދައިނުދެވުނީތީ ޓީމުގެ ކިބައިން މާފަށް އެދޭކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކޯޗް، ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި އޮޑި ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް މާޒިޔާއިން މެޗު ނިންމާލީ ވަނީ 1-1 ން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން ބަލިވިނަމަވެސް މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތެއް ލިބި ވަނީ ބޭކާރުވެފައެވެ.

އެ މެޗުގެ ނާކާމިޔާބީއަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ބުނީ ފައިނަލް މެޗުގައި ހުރިހާ ކުޅުންތެރިންވެސް ކުޅުނީ ރަނގަޅަށް ކަމަށެވެ. މުބާރާތުގެ ސެމީފައިނަލް މެޗާއި އެއްގޮތަށް ޕެނަލްޓީއަށް ދާން ޖެހުނީ ކަމަށާއި، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އިތުރު ލަނޑެއް ޖަހާނެ ފުރުސަތުތައްވެސް މާޒިޔާއަށް ތަނަވަސް ކުރެވުނު ކަމަށް ކޯޗު ފާހަގަަކުރިއެވެ.

"އަހަރުމެން ކުޅުނީ ރަނގަޅު މެޗެއް. އެއްވަރުވީ، ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ތަނަވަސްކުރެވުނު. އެމީހުންނަށް ފަހުވަގުތު ޗާންސް ލިބުނީ އެންމެ ފަހުން ކުޅުނު މެޗެކޭ އެއްގޮތަށް ޕެނަލްޓީ ޝޫޓްއައުޓަށް މިދިޔައީ. ޕެނަލްޓީގައިވެސް ފުރަތަމަ ދިޔައީ ރަނގަޅަށް. އަހަރުމެންނަށް އޮތީ ދެ އޮޕްޝަނެއް. ސްކޯ ކޮށްގެން މޮޅުވުން. މީ ފުޓްބޯޅަ. އެހެންވީމަ ފުޓްބޯޅައަކީ ވަރަށް ޝައުގުވެރި ކުޅިވަރެއް" ހެނާންޑޭޒް ބުންޏެވެ.

ހެނާންޑޭޒް ބުނީ އޮޑީގެ ކުޅުންތެރިންގެ ފެންވަރު މަތިވެއްޖެ ކަމަށާއި، އޮޑިން ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާކަމަށެވެ. އަދި މިއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މި ފަހަރު މާޒިޔާއަށް ތަށި ނުލިބުނުނަމަވެސް ކުޅުންތެރިން ދަނޑުމަތީގައި ދެއްކީ މޮޅު ކުޅުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މިއީ ޖެހިޖެހިގެން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ކުޅުނު ތިންވަނަ ފަހަރު

ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ތަޖުރިބާކާރު ކޯޗު ހެނާންޑޭޒް މާޒިޔާގެ ހެޑް ކޯޗުކަމާއި ހަވާލުވީ 2025ގެ ޖެނުއަރީގައެވެ. އޭނާ އަކީ ބާސެލޯނާއި ރެއާލް މެޑްރިޑް އެކަޑަމީޣެ ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްކޮށްފައިވާ ޔޫރަޕް ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ އުތުރު ކޮރެއާ، ލިތުއޭނިއާ އަދި އުޒްބަކިސްތާނުގެ ޓީމުތަކަށްވެސް ކޯޗުކޮށްދީފައެވެ.

ހެނާންޑޭޒް ވަނީ 2025/2026 ގެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މާޒިޔާއަށް ހޯދައިދީފައެވެ. ޕްރެސިޑެންޓްސް ކަޕްގެ ތަށި ހޯދުމުގެ ރޭހުން މާޒިޔާއަށް މިއަހަރު ކުރިޔަށް ދެވޭގޮތް ނުވި ނަމަވެސް ރާއްޖޭގައި މިވީ އަހަރެއްހާ ދުވަހުގެތެރޭގައި ހެނާންޑޭޒް ވަނީ ދިވެހި ފުޓްބޯޅައިގައި އަލުން ވާދަވެރިކަން އުފައްދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ދިވެހި ފުޓްބޯޅައަށް އުންމީދީ ތަރިންތަކެއް ނެރެދީ ޒުވާން ކުޅުންތެރިންގެ ލެވެލް އެތަށް ގުނައަކަށް މައްޗަށް ޖައްސައިދީފައެވެ.

މާޒިޔާއަކީ ސީނިއާ ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމު ކަމަށްވާއިރު އެ ކުޅުންތެރިންގެ ފިޓްނަސް ހިފަހައްޓައިދީ ފެންވަރު މަތިކޮށްދިނުމުގައި މާޒިޔާއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.