ބާސެލޯނާގެ މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގަށް އަނިޔާވެ ހަތަރު ހަފުތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު އަދި ވައިސް ކެޕްޓަނުގެ ފަލަ މަސްގަނޑަށް އަނިޔާވީ އިއްޔެ އޮތް ފަރިތަކުރުންތަކުގަ އެވެ. މި އަނިޔާގެ ސަބަބުން މަދުވެގެން ހަތަރު ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު ފަހަރުގައި ހަތް ހަފުތާ ވަންދެން ވެސް އޭނަ އަށް ނުކުޅެވި ހުންނަން ޖެހިދާނެ އެވެ.
ޑިޔޮންގަށް އަނިޔާވީ އޭނާގެ ޕާޓްނަރު ޕެޑްރީ އަށް ލިބުނު އަނިޔާ ރަނގަޅުވެގެން ކުޅެން ފެށިތަނާ ކަހަލަ ގޮތަކަށެވެ. މިހެންވެ މިޑްފީލްޑް ތެރޭގައި ޕެޑްރީއާއެކު ކުޅުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ޒުވާން މާކް ބާނަލް އެވެ. އޭނާ އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކުރިމަގުގައި ޑިޔޮންގެ ރޯލު އަދާ ކުރާނެ ކުޅުންތެރިޔާ އެވެ. މިޑްފީލްޑްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މާކް ކަސާޑޯ ހުރީ އެންމެ ރަނގަޅު ފޯމުގައެއްނޫނެވެ. އަދި ގަވީ އަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ ހުންނަތާ ހަތަރު މަސް ފަހުން އޭނާ ފަރިތަކުރަން ފެށި ނަމަވެސް އޭނާ އަދި އެއްކޮށް ފިޓެއް ނުވެ އެވެ. މިހެންވެ ފާމިން ލޮޕޭޒާއި ޑެނީ އޮލްމޯ އަށް ކުރިއަށްވުރެ ޑިފެންސިވް ރޯލެއް ފްލިކް ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ސީޒަނުގައި ބާސެލޯނާގެ އަނިޔާގެ މައްސަލަތައް ގިނަ އެވ. މިހެންވެ ފްލިކް ވަނީ ސީޒަނުގެ އެންމެ ބުރަ ދުވަސްތަކަށް އެޅުމުގެ ކުރިން ކުޅުންތެރިން ވީހާ ބޮޑަށް އަރާމު ކުރަން ގޮވާލައިފަ އެވެ. އަދި ކޮންމެ ދެ މެޗެއްގެ ދޭތެރޭގައި ކުޅުންތެރިންނަށް އޭނާ ދެމުން އަންނަ ހުސް ވަގުތުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
ބާސެލޯނާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ އެއްވަނާގަ އެވެ. އެއީ ދެ ވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.