ކުޅިވަރު

ވަޒީފާތައް މަދު ކުރުމުން ޔުނައިޓެޑަށް ފައިދާ ވާން ފަށައިފި


ވަޒީފާތައް މަދުކުރުމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ދަނޑު ބޭރުގެ ހަރަދުތައް ކުޑަކުރެވި ފައިދާވާން ފަށައިފި ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

އެ ކުލަބުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އޮމަރް ބެރާޑާ ވިދާޅުވީ ފާއިތުވި އަހަރުގެ ހަ މަސް ދުވަހުގެ ތެރޭގައި ޔުނައިޓެޑް ހިންގުމުގެ ހަރަދަށް ބަލާއިރު 32.6 މިލިއަން ޕައުންޑް ފައިދާވެފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 3.9 މިލިއަން ޕައުންޑް ގެއްލުން ވުމަށްފަހު ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ބުނީ މިދިޔަ ތިން ދުވަހު ހިންގުމުގެ ހަރަދު ކަޑައި ފައިދާއަކީ 19.6 މިލިއަން ޕައުންޑް ކަމަށެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 3.1 މިލިއަނުގައި ކަމަށެވެ.

މިއީ ޔުނައިޓެޑް ހިންގުމާ ޖިމް ރަޓްކެލިފޭ ހަވާލުވުމަށްފަހު އެ ކުލަބު ހިންގުމަށް ގެނެސްފައިވާ ބަދަލުތަކުންނެވެ. މި ގޮތުން އޭނާ ވަނީ ކޮންމެހެން ބޭނުންނުވާ ގިނަ ހަރަދުތަކެއް ކުޑަކުރުމަށް ގިނަ ވަޒީފާތަކެއް އުވާލައިފަ އެވެ. މި ގޮތުން 450 ވަޒިފާ މަދުކޮށްފައިވާއިރު ކުލަބުގެ މުވައްޒަފުންނަށް ހެނދުނުގެ ނާސްތާ ހިލޭ ދިނުން ހުއްޓާލުމާއި ޕާކިން ސްލޮޓްތަކުން ކުލި ނަގަން ފެށުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ކުރީގެ ކޯޗު އެލެކްސް ފާގަސަން ފަދަ ރަމްޒީ މަގާމުތަކުގައި ތިބި ފަރާތްތަކަށް ހިނގާ ބޮޑެތި ހަރަދުތައް ކުރުން ވެސް ހުއްޓާލައިފަ އެވެ. މި ގޮތުން ފާގަސަންގެ އެމްބެސެޑޯރިއަލް ކޮންޓްރެކްޓް ވަނީ އުވާލައިފަ އެވެ.

ބެރާޑާ ވިދާޅުވީ ޔުނައިޓެޑްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 640 މިލިއަން ޕައުންޑުން 660 މިލިއަން ޕައުންޑަށް ކުލަބުގެ އާމްދަނީ އިތުރު ކުރުން ކަމަށެވެ.

"މިއަދު މި ފެންނަނީ އަހަރުމެންނަށް ގެނެވުނު ރަނގަޅު ބަދަލުތަކުގެ ނަތީޖާ. އަހަރުމެން ނިންމަނީ މި ގޮތުގައި އިތުރު ފިޔަވަޅުތަކެއް އަޅައި މި ގޮތަށް ކުލަބުގެ ހިންގުން ދަމަހައްޓަން. އަދި މިއާއެކު ކުލަބުގެ ފުޓްބޯޅައިގެ ނަތީޖާތައް ވެސް ރަނގަޅު ކުރުމަށް. އެއީ އަންހެން ޓީމާއި ފިރިހެން ޓީމު ވެސް ހިމެނޭ ގޮތަށް،" ބެރާޑާ ވިދާޅުވި އެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ޔުނައިޓެޑް މިވަގުތު އޮތީ ޓޭބަލުގެ ހަތަރު ވަނާގަ އެވެ.