ސަރުކާރުން މިވަގުތު އިސްކަންދެނީ ދަރަވަންދޫ އެއަރޕޯޓް އިތުރަށް ތަރައްގީކުރުމަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރައްވާފައިވަނީ މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ޕްލޭނަކީ އެއާޕޯޓުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
False information circulating on media regarding runway extension reclamation at Dharavandhoo Airport is inaccurate.
— Mohamed Ameen (@ameen3d) February 27, 2026
The Government’s current plan for DRV Airport is focused on upgrading airport facilities and enhancing terminal infrastructure to improve passenger experience and…
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، 2025ވަނަ އަހަރުގެ މެދުތެރޭގައި ދަރަވަންދޫ ފަޅު ހިއްކުމާ ގުޅޭ ކޮންސެޕްޓެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އެރަށުގައި ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މިހާތަނަށް އެއްވެސް ހުއްދައެއް ދީފައިނުވާ ކަމަށެވެ. އަދި އެފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާނަމަ، ރަށު ކައުންސިލާ އެކަން ރަސްމީކޮށް ހިއްސާކުރައްވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
This is not correct.
— Abdulla Muththalib (@muththo) February 27, 2026
While a preliminary concept was explored in mid-2025, no approval has been granted for any reclamation project in B. Dharavandhoo. If there was an approved project, a formal communication would have been made with the island council.
To be clear: there is no… pic.twitter.com/PCbmMCE1DE
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، ޑިޒައިން އަދި ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކަށް ޚާއްޞަ ޖާގައެއް ހެދުމާއި ޑިޕާޗަރ ގޭޓް އިތުރުކުރުންވެސް ހިމެނެއެވެ. މި ބަދަލުތަކާއެކު ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އަލުން އިމާރާތް ކުރެވިގެންދާނެ ކަމަށް ދަރަވަންދޫ އެއަރޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ދަރަވަންދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ.
ދަރަވަންދޫގައި އެއާޕޯޓު ހުޅުވައި ޚިދުމަތް ދޭންފެށިތާ 14 އަހަރު ވެފައިވާއިރު، ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އަތޮޅެކެވެ. އެހެންކަމުން، އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ މި ތަރައްޤީއަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް މުހިއްމު ބަދަލަކަށް ވެގެންދާނެއެވެ.