ކުޅިވަރު

މައާފަށް އެދިފައި ބޯޅަ ހޮވާ ކުއްޖާ އަށް ދިނީ ޕެޑްރޯގެ ޖާޒީ


ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ޕީއެސްޖީ އަތުން 5-2އިން ޗެލްސީ ބަލިވި މެޗަށް ފަހު އެ ޓީމުގެ މިޑްފީލްޑަރު ފެޑްރޯ ނެޓޯ ގޮސް ބޯޅަ ހޮވާ ކުއްޖާގެ ކިބައިން މައާފަށް އެދެފި އެވެ.

އޭނާ މި ފަދައިން އަމަލު ކުރީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެ ކުއްޖާ ކޮށްޕާލާފައިވުމުން އޭނާ ދަނޑު މައްޗަށް ވެއްޓުމާއި މެޗަށް ފަހު ނޫސްވެރިން އެކަމާ ސުވާލު ކުރުމުގެ ކުރިންނެވެ.

"އަހަރެން މެޗަށް ފަހު އޭނާއާ ވާހަކަ ދެއްކިން. އަދި މައާފަށް ވެސް އެދުނިން. އެކަން އެހެންވީ (ބޯޅަ ހޮވާ ކުއްޖާ ކޮށްޕާލެވުނީ) ޓީމު ބަލިވަމުންދާތީވެ އަވަސް ކުރަން އުޅުމުގެ ތެރޭގައި. އަހަރެން އޭނާ ކުޑަކޮށް ކޮށްޕާލީ ބޯޅަ އަވަސް ކުރަން ވެގެން. އަހަރެންނަކީ ގަސްތުގައި އެފަދަ ކަމެއް ކުރާނެ މީހެއް ނޫން. އެއީ މެޗުގެ ހޫނުގައިވީ ކަމެއް. އަހަރެން މައާފަށް އެދުނިން. އަހަރެންވާނީ އަހަރެންގެ ޖާޒީ ވެސް އޭނާ އަށް ހަދިޔާއަކަށް ދީފައި. އަހަރެން އެކަމާ މައާފަށް އެދެން. އަހަރެންގެ ފަރާތުން (ޕީއެސްޖީގެ މިޑްފީލްޑަރު) ވިޓީނިއާ ވެސް ގޮސް އެ ކުއްޖާ ގާތުގައި ވާހަކަ ދެއްކި. އެއީ އަހަރެންގެ ފްރާންސްގެ ބަސް އެހާ ރަނގަޅު ނުވުމުން. އޭނާ ޖަވާބުގައި ހިނިތުންވެލި. އަހަރެން 35 ފަހަރު އޭނާ ގާތުގައި ސޮރީއޭ ބުނިން،" ފެޑްރޯ ބުންޏެވެ.

ޗެލްސީގެ ކޯޗު ލިއަމް ރޮޒީނިއާ ބުނީ މިއީ ހިތްދަތި ބައްޔެއް ކަމަށާއި މާބޮޑަށް ދެރަވީ ފަހު ވަގުތުގައި މާގިނަ ލަނޑު ވަނުމުން ކަމަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މެޗުގެ 75 ވަނަ މިނިޓަށް ފަހު ބައިކޮޅަށް ގިނަ ގޯލުތަކެއް ވަނީ ކުޅުންތެރިން މާބޮޑަށް އަވަސް އަރުވާލައި ހާސްވެގަތުމުން ކަމަށެވެ.

"މި ނަތީޖާ އަކީ ވަރަށް ހިތްދަތި ނަތީޖާއެއް. މިއަށްވުރެ އަހަރުމެންނަށް ނަތީޖާ ރަނގަޅު ކުރެވެވެން ވާނެ. އެކަމަކު ކުޅުންތެރިން އަތުން މިސްޓޭކް ހެދޭނީ ވެސް. މެޗުގައި މިހާ ފަރަގު ބޮޑުވީ އަހަރުމެންނަށް ފަހު 15 މިނިޓްގައި މާބޮޑަށް އަވަސް އަރުވާލެވުމުން. ބައިކޮޅަށް ގޯލެއް ވަދެ ލީޑް ގެއްލުނީމާ މާބޮޑަށް ތެޅި ގަނެވުނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މި ނަތީޖާގެ ސަބަބުން ދެ ވަނަ ލެގުގައި ރަށުން ބޭރުގައި ކުޅޭ މެޗު ވަރަށް ބޮޑަށް އުދަގޫވާނެ ކަމަށެވެ. އަދި މެޗުން ބަލިވަމުން ދަނިކޮށް ޗެލްސީގެ ޕެޑްރޯ ބޯޅަ ހޮވާ ކުއްޖަލކު ކޮއްޕާލި މަންޒަރު ނުދެކޭ ކަމަށް ވެސް ކޯޗު ބުންޏެވެ.

"ހަގީގަތުގައި ވެސް އެ މަންޒަރު އަހަރެންނަށް މާރަނގަޅަށް ނުފެނޭ. އަހަރެންނަށް ފެނުނު ބޯލްބޯއީ އާއި އޭނާއާ ދެމީހުން ގާތްވިތަން. އެތަނުގައި ގޯސް ކަމެއް ހިނގިނަމަ އަހަރެން ކުލަބުގެ ފަރާތުން މައާފަ އަށް އެދެން. އަހަރެންނަށް ހީވަނީ ޕެޑްރޯ ވެސް އޭނާގެ އިންޓަވިއުގައި އެކަމަށް މައާފަށް އެދުނު ހެން. އަހަރުމެން އަބަދުވެސް މަޝްވަރާ ކުރަން ޑިސިޕްލިން ހިފެހެއްޓުމަށާއި ކަންކަމުގައި ހަމަޖެހިގެން އުޅެން ދަސްކުރަން،" ކޯޗު ބުންޏެވެ.

އެންމެ ފަހުގެ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ދެ ޓީމުގެ މެޗުގައި ޕީއެސްޖީ އަށް މި ފަހަރު ޗެލްސީ ބަލިކުރެވުމުން އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ ތަފާތު ބޮޑުކޮށް މޮޅުވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މި މެޗަށް ޕީއެސްޖީ ނުކުތީ ވެސް ކުލަބު ވޯލްޑް ކަޕުގެ ފައިނަލުން ބަލިވެފައި ވުމުން ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.