އެމެރިކާއާއި ޔަހޫދީން މީގެ ހަ މަސް ކުރިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމުން، ހުރްމުޒް ކަނޑުއޮޅީގެ ޙިޞާރާ ގުޅިގެން އޭޝިޔާގެ ގިނަ ޤައުމުތަކަށް ތެލާއި ގޭސް ހޯދުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވިއެވެ. މިއާއެކު، ތެލުގެ ރިޒާވް އިތުރުކުރުމަށް އޭޝިޔާގެ ގިނަ ޤައުމުތަކުން ވަނީ މަސައްކަތް ފަށާފައެވެ. މި ކާރިސާއާ ގުޅިގެން ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީ ވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ޚާއްޞަކޮށް 'ޕަވަރ އޭޝިޔާ' ގެ ނަމުގައި 10 ބިލިޔަން ޑޮލަރުގެ މަޝްރޫޢެއް އެޕްރީލު މަހު އިޢުލާނުކުރައްވާފައެވެ. ސަބަބަކީ، ހަނގުރާމައާ ގުޅިގެން މި ސަރަޙައްދުގެ ޤައުމުތަކުގައި ތެލުގެ ރިޒާވް ހުރި މިންވަރު މަދުވުމެވެ.
ފެބުރުވަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނުއިރު، ވިއެޓްނާމުގެ ރިޒާވްގައި ހުރީ ފަހަކާއި ހަތް ދުވަހަށް ބޭނުންކުރެވޭ މިންވަރު ތެލެވެ. ނަމަވެސް، އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާއެކު އެ މުއްދަތު 65 ދުވަހަށް އިތުރު ކުރެވުނެވެ. 25 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކޮށްފައި ހުންނަން ޖެހޭނެ ކަމަށް ތައިލެންޑުން ކަނޑައަޅާފައިވާއިރު، މާރިޗު މަހުގެ ކުރީކޮޅު އެ ޤައުމުގައި ރައްކާކޮށްފައި ހުރީ 61 ދުވަހަށް ބޭނުންވާ މިންވަރުގެ ތެލެވެ. އަދި، ފިލިޕީންސްގެ އަމިއްލަ ކުންފުނިތަކުގައި ހުރީ 50 އާއި 60 ދުވަހަށް ބޭނުންކުރެވޭނެ މިންވަރުގެ ތެލެވެ. މިއީ، ހަކަތައާބެހޭ ބައިނަލްއަޤުވާމީ އޭޖެންސީން (އައިއީއޭ) ކަނޑައަޅާފައިވާ 90 ދުވަހުގެ މިންގަނޑަށްވުރެ މަދު ޢަދަދުތަކެކެވެ. މިއާއެކު، ފިލިޕީންސުން ވަނީ 60 ދުވަހުގެ ރިޒާވެއް އުފެއްދުމަށް ޤާނޫނުން ކަނޑައަޅާފައެވެ.
މޭ މަހާ ހަމައަށް އިންޑިޔާގައި 74 ދުވަހަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކޮށްފައި ހުރިއިރު، އޭގެ %90 ހިއްސާކުރީ ސަރުކާރު ކުންފުނިތަކުންނެވެ. އެ ޤައުމުން ޖުލައި މަހު ވަނީ 1.75 މިލިޔަން މެޓްރިކް ޓަނުގެ އައު ރިޒާވެއް އިޢުލާނުކޮށް، އިތުރު 6.5 މިލިޔަން މެޓްރިކް ޓަނަށް ރިޒާވް އިތުރުކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އަބޫ ދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީން ވަނީ އެ ކުންފުނިން އިންޑިޔާގައި ތެޔޮ ރައްކާކުރާ ތެލުގެ މިންވަރު 30 މިލިޔަން ފީފާއަށް އިތުރު ކުރުމަށް ނިންމާފައެވެ. އަދި، ދެކުނު ކޮރެޔާއިން ދަނީ އެ ޤައުމުގެ 146 މިލިޔަން ފީފާގެ ރިޒާވަށް އިތުރުކުރުމަށް ކުރިން ރޭވި 20 މިލިޔަން ފީފާގެ ބަދަލުގައި، އިތުރު 30 އާއި 40 މިލިޔަން ފީފާ އިތުރުކުރަން ވިސްނަމުންނެވެ.
އެމެރިކާއަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ޗައިނާއިން 2026 އިން 2030 އަށް އެކުލަވައިލި ފަސް އަހަރުގެ ހަކަތައިގެ މަގުޗާޓުގައި ހަކަތައިގެ ރައްކާތެރިކަމަށް އިސްކަންދީފައިވާ ކަމުގައި މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ. އަދި، ޕައިޕްޗައިނާ ކުންފުނިން މޭ މަހު ވަނީ 9،000 ކިލޯމީޓަރުގެ ހޮޅިލައިނެއް ހިމެނޭ ގޮތުގައި، ތެލާއި ގޭހުގެ 40 މަޝްރޫޢެއްގެ މަސައްކަތް އަވަސްކުރަމުންދާ ކަން ހާމަކޮށްފައެވެ. މަސްރަޙުގެ ދާރިސުން ބުނީ، މި ހުރިހާ ޤައުމަކުން ވެސް ހުރްމުޒް އަދި މެދުއިރުމަތީގެ ކަނޑު ދަތުރުފަތުރަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ޤައުމުގައި ހުރި ތެލުގެ ރިޒާވް އިތުރު ކުރުމަށް ހަލުވިކޮށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.