ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ)އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި މީހުން ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ދެ މީހުން ހައްޔަރުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން މައްޗަންގޮޅީ ގެއެއް ބަލައި ފާސްކުރިއިރު އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ނަޖީޙު 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ޙަމީދު 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ، އިތުރަށް ތަހުގީގު ކުރަމުންނެވެ.