މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުން ތާށިވުމާ ގުޅިގެން، ރަޝިޔާއިން އުފައްދާ ތެލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއި ދީފިއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ދަނީ ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އަދި ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.
ސަޕްލައި ތާށިވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. ސަޕްލައި އިތުރުކޮށް، ތެލުގެ އަގު ތިރިކުރުމުގެ ޢުއްމީދުގައި، އެމެރިކާއިން ވަނީ ރަޝިޔާއިން ތެޔޮ ވިއްކުން ހުއްޓުވަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ކުރިއަށްއޮތް 30 ދުވަހުގެ މުއްދަތަށް ލުއިކޮށްފައެވެ.
އެ ނިންމުން ނިންމުމާ އެކު، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އީރާނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުގައި އީރާނުގެ 2،000އަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ ޝަހީދުވެފައެވެ.
އީރާނުން ވެސް ދަނީ، އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އެމެރިކާއާއި ޔަހޫދީންގެ އަމާޒުތަކަށް ރައްދު ހަމަލާތައް ދެމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ އަށް މީހުން މަރުވެ، 140 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އަދި، ޔަހޫދީންގެ 15 މީހަކު މަރުވެފައިވާއިރު، މުޅި މެދުއިރުމައްޗަށް ފުޅާވެފައިވާ މި ހަނގުރާމައިގައި ގަލްފުގެ އެހެން ޤައުމުތަކުން ވެސް 17 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ޝަހީދުވުމާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަނުކޮށްފައެވެ.
މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ އީރާނުގެ އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަަންދުކުރަން ޖެހޭ ކަމަށެވެ. އީރާނަށް އަމާޒުވަމުންދާ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ރައްދު ޙަމަލާތައް އެ މަރުކަޒުތަކަށް ދެމުން ދާނެ ކަމަށާއި، ޝަހީދުވި މީހުންގެ މަރަށް ބަދަލު ހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި ހުރުމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް
އޭނާ ވަނީ ވިދާޅުވެފައެވެ.