ޑްރޯން ހަމަލާއެއްގެ ސަބަބުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ފުޖައިރާގައި ތެޔޮ ބަރުކުރުމުގެ ބައެއް މަސައްކަތްތައް މެދުކަނޑާލާލައިފިއެވެ.
ފުޖައިރާއަކީ ބަންކަރިންގގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ، ތެޔޮ އެކްސްޕޯޓު ކުރުމުގެ މައި ހަބެކެވެ. ހުރުމުޒު ކަނޑުއޮޅީގެ ބޭރުގައި އޮންނަ ފުޖައިރާއިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެއް މިލިޔަން ފީފާގެ ތެޔޮ ބަންދުކޮށް އެ ޤައުމުން ބޭރުކުރެއެވެ. އެއީ ދުނިޔެއަށް ބޭނުންވާ ތެލުގެ ގާތްގަނޑަކަށް އެކެއް އިންސައްތައެވެ.
ފުޖައިރާގައި ތެޔޮ ބަރުކުރުން މެދުކަނޑާލާފައި މި ވަނީ އީރާނުގެ ޖަޒީރަތުލް ޚާރިޖުގައި ހުންނަ ތެޔޮ އެކްސްޕޯޓު ކުރާ ޓާމިނަލަކަށް އެެމެރިކާއިން ޙަމަލާއިން ދިނުމުން، އެ ޙަމަލާގެ ރައްދުގައި ޔޫއޭއީގައި ހުންނަ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމުގެ ގަޑިއިރުކޮޅެއް ފަހުންނެވެ. އީރާނުގެ އިންޒާރުތަކަށް ފަހު ފުޖައިރާގެ ދެ ސަރަޙައްދަކުން ދުން އަރަމުން ދިޔަ މަންޒަރު ފެނިފައިވެއެވެ. އެމެރިކާގެ ޙަމަލާއަށް ފަހު އީރާނުން ރައްދުގައި ޔޫއޭއީއަށް ދިން ޙަމަލާއިން ދައްކުވައިދެނީ ހަނގުރާމައިގެ މި ޙާލަތުގައި އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށާއި، އެމެރިކާއިން ބާރު ދައްކައި ކޮންޓްރޯލް ނެގުމުގެ ފުރުޞަތު އީރާނުން ނުދޭނެ ކަން ކަމަށް މަސްރަހު ދިރާސާކުރާ މާހިރުން ފާހަގަކުރައްވައެވެ.
އެނގިފައިވާ ގޮތުގައި ޑްރޯން ޙަމަލާއަށްފަހު ފުޖައިރާގައި ހުޅުގަނޑެއް ވެސް ރޯވެފައިވެއެވެ. އެ އަލިފާނުގެ ހާދިޘާ ހިންގާފައި ވަނީ ޑްރޯންއެއް ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ ވަގުތު ބައި ތަކެއް ވެެއްޓިގެން ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.
މި ހަފްތާގެ ކުރީކޮޅު ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭއިން ވަނީ، ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާއެކު އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުރުުމުގެ ސަބަބުން މީން ޒަމާނަކު ކުރިމަތި ނުވާ މިންވަރަށް ތެޔޮ ލިބިމުގެ ދަތިތައް ކުރިމަރިވެފައިވާ ކަމަށް ބުނެފައެެވެ.
އީރާނުން ވަނީ ޔޫއޭއީގެ އިތުރު ބަނދަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީ، ދުބާއީގެ ޖަބަލް ޢަލީ ބަނދަރާއި އާއި އަބޫ ދާބީގެ ޚަލީފާ ބަނދަރާއި، ފުޖައިރާއާ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް އިލްތިމާސްކޮށްފައެވެ.