މިއަހަރު ފިޠުރު ޒަކާތުގައި ގޮވާމުން ލިބުނު ތަކެތި ބަހަން ފަށައިފިއެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބަހަމުން ދާނެކަމަށެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަމުން ދާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަނުންނެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ އެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށެވެ. މިއަދާއި މާދަން ޒަކާތް ބަހަމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށެވެ. އަދި މެންދުރު 13:00 އިން 15:00 އަށްވެސް ޒަކާތް ބަހަމުން ދާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ ގޮވާމުން ޒަކާތް ބަލައިގަންނަން ފެށިފަހުން މިހާތަނަށް 5.7 ޓަނުގެ ގޮވާން ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައިން ލިބިފައިވަނީ ބާސްމަތީ ހަނޑޫކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން 3.2 ޓަނުގެ ބާސްމަތީ ހަނޑުލާއި، 1.4 ޓަނުގެ އާދައިގެ ހަނޑުލާއި 300އެއްހާ ކިލޯގެ ފުއް ލިބިފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޒަކާތް ބެހުމަށްފަހު ބާކީވާ ތަކެތި ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބާކީ ވާތަކެތި ބޭނުންޖެހިފައިވާ މީހުންނަށް ހަދިޔާކުރާނެ. މިމަހުގެ 19 ވަނަ ދުވަހު ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ބާކީ ވާ ތަކެތި ހަވާލުކުރާނެ އެފަދަ ހާލަތްތަކުގައި ތިބި މީހުންނާ ހަދިޔާ ކުރުމަށް." ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސައެވެ. އެގޮތުން މިފަހަރުވެސް ފުރަތަމަ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިއެވެ. އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ. ޒަކާތު ހައުސްއިން ވިދާޅުވެފައިވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، މިއަހަރުވެސް އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހާނެކަމަށާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާނީ އޭގެ ޙައްޤުވެރިންގެ ބޭންކް އެކައުންޓަށްކަމަށެވެ.
ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.
ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިޠުރު ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ މަތިން ހަދާންކޮށް، މުދާ ތާހިރުކުރެއްވުމެވެ. ރޯދަމަހުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްމެ މުހިއްމު އެއްކަމަކީ ފިޠުރު ޒަކާތްކަމަށްވާއިރު ލަސްނުވެ މި އަޅުކަން ފުރިހަމަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.