ތ.ގުރައިދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްނިމި، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމްޓިސީސީން ވިދާޅުވެއްޖެއެވެ.
ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރަން ހަވާލުކޮށްފަވަނީ އެމްއޭސީއެލްއާއެވެ.
ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މަސައްކަތަށް އެ ރަށުން 13.80 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މުޅި މަސައްކަތުގެ %70އެއްހާ މަސައްކަތް ވަނީ ނިިމިފައެވެ.
ތ.ގުރައިދޫގެ އެއާޕޯޓް ތަރައްޤީކުރަން ސަރުކާރުން ހަވާލުކޮށްފަވަނީ މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ސެޕްޓެމްބަހު މަހު އެ ރަށަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުން ނިންމާ، 2027ވަނަ އަހަރުގެ މިނިވަންދުވަހު އެއާޕޯޓް ޚިދުމަތަށް ގެންނާނެކަމަށެވެ.
ތ.ގުރައިދުއަކީ 1300އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ގުރައިދޫގައި އެއާޕޯޓެއް ހުޅުވިގެންދިއުމަކ، މުޅި ތ. އަތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށާއި އެއާޕޯޓްގެ ސަބަބުން އެސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.