މާދަމާ ނޫން އަނެއް ދުވަހު ރާއްޖޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ބޫޓާންގެ އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށް އެ ގައުމުން ބުނެފި އެވެ.
ޓީމުގެ ކެޕްޓަން ރިންޒިން ދޯޖީ ބުނީ ޓީމުގައި ހިނެމެނީ ތަޖުރިބާހުރި ކުޅުންތެރިންނާއި އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ކަމަށެވެ. މި ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމަށް ބޫޓާނުން ކުރި އެންމެ މުހިންމު ކަމަކީ އެ ގައުމުގެ ޕްރެމިއާ ލީގުގައި 20 އަހަރުން ދަށުގެ ޓީމު ބައިވެރިކުރުވައި މެޗުތައް ކުޅުވުމެވެ.
"ބައެއް ކުޅުންތެރިން ޓީމާ ގުޅުނީ މިދިޔަ އަހަރު. އަހަރުމެން މިވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި މިދިތަ ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައ. ހާއްސަކޮށް ޕްރެމިއާ ލީގުގައި ކުޅުނީމަ އަހަރުމެންގެ ގުޅުމާއި ތަޖުރިބާ އާއި އެކަކު އަނެކަކު ދެނަގަތުން ވަރަށް ރަނގަޅު ވެއްޖެ. ދެން އަހަރުމެންގެ ގިނަ ކުޅުންތެރިން އެއްކޮށް ކުޅޭތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އަހަރުމެންގެ އަމާޒަކީ މުބާރާތުގެ ތަށި ކާމިޔާބު ކުރުން،" ކެޕްޓަން ދޯޖީ ބުންޏެވެ.
ޑިފެންޑަރު ޔޫގޭން ދޯޖީ ވެސް ބުނީ އަމާޒަކީ ޗެމްޕިއަންކަން ހޯދުން ކަމަށާއި ރަނގަޅު އަހުލާގާއި ސިފަތަކުގެ މަތީގައި ތިބެ ގައުމު ތަމްސީލު ކުރަން ތައްޔާރު ކަމަށެވެ.
ހުކުރު ދުވަހު މެންދުރު ބޫޓާނުން ފުރައިގެން މިއަދު ހެނދުނު މާލެ އައި ބޫޓާން މުބާރާތުގައި ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލާއި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝް އާއި އިންޑިޔާ އާއި ޕާކިސްތާނެވެ. ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށްދާނީ އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.